ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުދަ ދުވަހު ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ޖުލައި މަހުގެ 6 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ 071 /، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކޮށް ސަލާމަތްކުރުމަށް ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ހިންގައި އަދި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.