ހއ.ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިމެއް ދިން މައްސަލައިގައި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. 

ބުދަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް އެރަށުގެ ކައުންސިލުން ދިން މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ބަލައިގަނެފައިވާ ކަމަށެވެ. 

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026ގަ އެވެ.

އޭސީސީން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު ގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ގެ މައްޗަށެވެ. މިއީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު) 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.