ރ. އިންނަމާދޫ ކައުންސިލަށް ލިބެންޖެހޭ 660،414 ރުފިޔާ ހޯދުމަށް ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ނެރެފައިވާ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 5.26 ވަނަ މާއްދާގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރާނެ ގޮތް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތް ކޮށް ފައިސާ ނުލިބިއްޖެ ނަމަ 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވުމާއި އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުލިބިއްޖެ ނަމަ އިތުރު 7 ދުވަސް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމުން އަންގަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

ރިޕޯޓުގައި ބުނީ ފަހުން އިތުރު ކުރެވޭ މުއްދަތުގައި ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ. 

ނަމަވެސް ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެންނެވުނު ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާކަން އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކަށް ބިމު ކުލީގެ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 660،414 ރުފިޔާ ލިބެންޖެހޭ ކަމަށް ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާއިރު އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ސިޓީ ފޮނުވުން ފިޔަވައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިތުރު ފިޔަވަޅެއް އަޅާފައިނުވާކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ. 

އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 5.24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިދާރާއިން ކުރާ މަސައްކަތްތަކަށް ނުވަތަ ދެވޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.26 ވަނަ މާއްދާފައިވާ ގޮތަށް ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ފުރުސަތުތައް ދިނުމުން ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަގައިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވެ އެވެ. 

އޮޑިޓް އޮފީހުން އިތުރަށް ބުނީ، ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.01 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ އެ ގަވާއިދުގެ 17.03 ވަނަ މާއްދާއާ އެއްގޮތަށް އެ ފަރާތްތަކުގެ މައްސަލަ ބަލައި، އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާން ޖެހޭ ކަމަށް ކަނޑައެޅިއްޖެ ނަމަ އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.