ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި، ސަރުކާރުގެ ފަރާތުން އެކަށީގެން ބިލްތައް ވެސް ނުފޮނުވޭއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަޒީރުންނާ ކުރުމަށް ހުށަހަޅާފައިވާ 100 ސުވާލު އެބަ އޮތް ކަމަށާ އެކަމުގެ މަސައްކަތް ވެސް ނުހިނގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީގެ  ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން ތަކުރާރުކޮށް ސިލްސިލާކޮށް މަޖިލީހުން މަސައްކަތް ކުރަމުންދާ ގޮތާ ސަރުކާރުން މަސައްކަތް ކުރަމުންދާ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. 

އެގޮތުން ދިމާވާ އެންމެ ބޮޑު އެއް ކަމަކީ ކުރާނެ މަސައްކަތެއް ނެތި ސަރުކާރުގެ ފަރާތުން އެކަށީގެންވާ ބިލްތައް މަޖިލީހަށް ނުފޮނުވި މަޖިލީހުގައި އެއްވެސް މަސައްކަތެއް ނެތުން ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ އަދަދެއްގެ ސުވާލު ވަޒީރުންނާ ކުރުމަށް ހުށަހަޅާފައިވާ ކަމަށާ ގާތްގަނޑަކަށް 100 އެއްހާ ސުވާލު ހުށަހަޅާފައިވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މިފަހަކަަށް އައިސް ވަޒީރުން އެބަ ހާޒިރު ކުރޭ. މައިގަނޑު ގޮތެއްގައި ވަޒީރުން މި ހާޒިރު ކުރެވެނީ ވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ދުވަސްތަކުގައި. މިއަދުވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ 11:30 ހާއިރު މަޖިލިސް ނިމިއްޖެ. ދެން ކުރާނެ މަސައްކަތެއް ނެތް. އަދި ވަޒީރުން ހާޒިރު ކުރެވޭއިރުގައި ވަރަށް ބޮޑަށް ފާހަގަކުރެވެނީ އަޅުގަނޑުމެންނަށް ފުރުސަތު ނުދީ، ޕީއެންސީ އަށް ނިސްބަތްވާ ފަރާތްތަކުން ރޭވިގެން ވަޒީރުންނާ ކުރާނެ ސުވާލުތަކެއް ލިޔެގެން އައިސް މީގެ ކުރިން އެމްޑީޕީގެ ސަރުކާރުތަކުން ނުވަތަ ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ކަންތައްތައް އޭގެ ވަކި ސެޓް ޖަވާބުތަކެއް ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާ މަންޒަރު.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކަންކުރަމުންދާ ގޮތުން ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީ އަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ.

އޭގެ ބަދަލުގައި 2 ޖަހަން ދެން މަޖިލިސް ކުރިއަށް ކުރިއަށް ގެންދަން ވީ ކަމަށާ ބައިގަޑިއިރުން ބައިގަޑިއިރުން ވަޒީރުން ހާޒިރުކޮށްގެން ގެނަސްގެން ވެސް ވަޒީރުންނާ ކޮށްފަ ހުރި ސުވާލުތަކުގެ ޖަވާބު ހޯދަން ޖެހޭކަމަށް މެންބަރު ވިދާޅުވި އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ކޮށްފަ ހުރި ބައެއް ސުވާލުތައް، ވަޒީރުން ނުގެނެވި. ވަޒީރުން އިސްތިއުފާދެއްވައި، ވަޒީރުން ކަނޑާލާ ހިސާބުން އަނެއްކާ ވެސް ޖެހެނީ އެ ސުވާލު ތަކުރާރު ކުރަން ކަމަށް މެންބަރު ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ނިމިދިޔަ ދެތިން ހަފްތާގައި މަޖިލީހުގެ 80 ޕަސެންޓް މަސައްކަތަކީ އެމްޑީޕީ މެންބަރުން ވަޒީރުންނާ ކޮށްފަ ހުރި ސުވާލަތަކާ ގުޅިގެން ވަޒީރުން މަޖިލީހަށް ހާޒިރުވެ އެ ސުވާލުތަކަށް ޖަވާބުދިނުން ކަމަށެވެ.

އޭގެ ތެރެއިން ވަޒީރުން ސުވާލަށް ޖަވާބު ދިނުމަށްފަހު ބައި ގަޑިއިރުގެ ތެރޭގައި ވަޒީރާ ގުޅުންހުރި ސުވާލުތަކެއް އެބަ ކުރެވޭ. ޚާއްސަކޮށް އެމްޑީޕީގެ މެންބަރުން ކުރާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ވަޒީރުން ނުދެއްވާތީ އަޅުގަނޑުމެންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަހުރި. އަޅުގަނޑުގަނޑުމެން ކުރާ ސުވާލުތަކަށް ކުރީސަރުކާރު ކުރީސަރުކާރޭ ކިޔައި، ފަށައިގެން ދައްކަމުން އަންނަނީ. މި ސަރުކާރުގެ ވާހަކަ ދައްކަން ޖެހެނީ، މި ވަޒީރުންނަށް، ނުވަތަ ނާގާބިލް ސަރުކާރަށް ރައްޔިތުންގެ ކަންކަން ނުވާކަން ޔަގީންވޭ. އެ ނޫން ނަމަ ކުރީ ސަރުކާރޭ ކިޔައިގެން އެ ވާހަކަ ދައްކާކަށް ނުޖެހޭނެ. 
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް

ނާޒިލް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރެވެނީ ކުރީ ސަރުކާރުން ފަށާފަ ހުރި މަސައްކަތްތަކެއް ނުނިމޭތީ އެއީ ކީއްވެ ތޯ ކަމަށާ އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެ ތޯ ކަމަށެވެ. އަދި މަސައްކަތްތައް ހުއްޓިފަ ވަނީ ކީއްވެ ތޯ ކަމަށެވެ. ސްކޫލުގެ އިމާރާތް ނުވަތަ މިސްކިތުގެ އިމާރާތް ކުރިއަށް ނުދަނީ ކީއްވެ ތޯ ސުވާލު ކުރެއްވުމުން ވަޒީރުން ވިދާޅުވަނީ މީގެ ތިން އަހަރު ހަތަރު އަހަރު ކުރިން އެ މަސައްކަތް ފަށާފަ އޮތް އިރު ބަޖެޓުގަ އޮތް މިންވަރު ކުޑަ ވާހަކަ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބޮޑެތި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދެ އަހަރު ތިން އަހަރަށް ބަހާލައިގެން އެގޮތަށް ބަޖެޓް ފޮތުގަ ޖަހައިގެން ކަން ވެސް ވަޒީރުންނަށް ސާފު ނުވާ ކަމަށް މެންބަރު ވިދާޅުވި އެެވެ.