ރާއްޖޭގެ
ކޯޓުތަކުގެ އިދާރީ އެންމެ އިސް މަޤާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ
މަޤާމަށް ކުރިމަތިލާން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން
ހާމަކުރި ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 ޖުލައި 2026 ވާ އާދިއްތަ
ދުވަހުގެ މެންދުރު 12:00 އެވެ.

މި މަޤާމުގެ
އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. މީގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި
27،235 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ލިބޭނެ އެވެ.

ޗީފް ޖުޑީޝަލް
އެޑްމިނިސްޓްރޭޓަރަކީ އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ހުރިހާ
ކޯޓުތަކުގެ އިދާރީ އެންމެ އިސް ފަރާތެވެ.

މި މަޤާމުގެ
މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ
ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން،
ކޯޓުތަކުގެ ރަޖިސްޓްރާއިން އައްޔަނުކޮށް ވަކި ކުރުމުގެ ބާރުވެސް މި މަޤާމުގައި ހުންނަ
ފަރާތަކަށް ލިބިގެންވެ އެވެ.

މީގެ
އިތުރުން، ޖޭއެސްސީގެ ލަފަޔާއެކު ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުންވެސް
މި މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. މިއީ ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ
ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ.

ޗީފް ޖުޑީޝަލް
އެޑްމިނިސްޓްރޭޓަރަކީ ކޯޓުތަކުގެ އިދާރީ ހިންގުން ރަނގަޅުކޮށް ހިނގުމަށް މަސައްކަތް
ކުރާ އެންމެ އިސް ފަރާތެވެ. މި މަޤާމުގައި ހުންނަ ފަރާތަކުން ކޯޓުތަކުގެ އިދާރީ ހިންގުމުގައި
ހުރި މައްސަލަތައް ހައްލުކުރުމާއި، ކޯޓުތަކުގެ ހިދުމަތްތައް ރައްޔިތުންނަށް އެންމެ
ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހެ އެވެ.