ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުހާތަބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭފަދަ ރަނގަޅު ވާހަކަތާކާއި ފިކުރުތައް ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ، އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވާފަ އެވެ. ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، ޤައުމު އެބަޔަކާމެދު ފަޚުރުވެރިވާނޭ އަދި މި ޤައުމަށް ފާގަތިކަން ލިބޭނޭ ގޮތަށް ލިޔާ، އަމާނާތްތެރި ބަޔަކަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި މެސެޖެއް ހިއްސާކުރައްވާފަ އެވެ.
މި އަހަރުގެ ލިޔުންތެރީންގެ ދުވަހަށް ކަނޑައަޅުއްވާފައިވަނީ، "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މި ޝިޢާރެވެ.