ރާއްޖޭގައި
ހިމަބިހި ނުވަތަ މީސަލްސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެ ބައްޔަށް ޓެސްޓުކުރަން
ބޭނުންވާ ކިޓުތައް ރާއްޖެއިން ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރައްޔިތުންގެ
މަޖިލީހުގައި ކުރިމަތިކުރި ސުވާލަށް ހެލްތް މިނިސްޓަރު ގީލާ ޢަލީ ޖަވާބެއް ނުދެއްވައި
އެ ސުވާލުން ރެކިވަޑައިގެންފި އެވެ.
ބުދަ ދުވަހު
ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސުވާލު ކުރެއްވީ ވައިކަރަދޫ ދާއިރާގެ
މެމްބަރު ޙުސައިން ޒިޔާދެވެ. މެމްބަރު ޒިޔާދު ސުވާލު ކުރައްވަމުން ވިދާޅުވީ، މި ފަހަކަށް
އައިސް ރާއްޖޭގައި އާދަޔާ ހިލާފަށް ހިމަބިހި ފެތުރެން މެދުވެރިވީ އެ ބައްޔަށް ޓެސްޓު
ކުރާ ކިޓު ހުސްވެފައި ހުރުމުގެ ސަބަބުން ކަމަށް ބުނެ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް
އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމުގެ ހަގީގަތަކީ ކޮބައިތޯއާއި، ކިޓުތައް ހުސްވީތޯ
ސާފުކޮށްދެއްވުމަށް މެމްބަރު އެދިވަޑައިގެންނެވި އެވެ.
މެމްބަރުގެ
ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ގީލާ ވިދާޅުވީ، އެކަމަނާ މަޖިލީހަށް
ވަޑައިގެންނެވީ ކުރިން ފޮނުވާފައިވާ ވަކި ސުވާލުތަކަކަށް ޖަވާބު ދެއްވުމަށް ތައްޔާރުވެގެން
ކަމަށެވެ. އަދި މެމްބަރު ޒިޔާދު ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބު ނުދެއްވައި، ވަރަށް
ކުރު ޖަވާބަކަށް ފަހު ގީލާ ވަނީ ވާހަކަ ނިންމަވާލައްވާފަ އެވެ.
މިއަދު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި، އެހެންކަމުން، ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސްހެލްތް މިނިސްޓަރު ގީލާ ޢަލީ
ރާއްޖޭގައި
ހިމަބިހީގެ ކޭސްތައް ފެންނަމުންދާ މިންވަރު މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ. މި
ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ހެލްތް މިނިސްޓްރީން
އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ ބޮޑުވެފަ
އެވެ. ހާއްސަކޮށް ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމުގައި ލަސްތަކެއް އުޅޭކަމުގެ
އަޑުތައް ވަނީ ފެތުރިފަ އެވެ.