ދިވެހިރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، ވަޒީފާ ނެތް ޒުވާނުންގެ އަތުން ފައިސާ އަތުލައި، ސައްހަ ނޫން ވޯކް ޕާމިޓް ދޫކުރި މީހަކު އިންޑިއާގެ އާޒަމްގަޅު ސައިބަރ ސެލް އަދި ސިދާރީ ފުލުހުން ގުޅިގެން ހައްޔަރުކޮށްފި އެވެ. ހައްޔަރުކުރި މީހާގެ އަތުން ރާއްޖޭގެ ފޭކް ވޯކް ޕާމިޓްތަކަކާއި، މޯބައިލް ފޯނެއްގެ އިތުރުން މި މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ފުލުހުން ވަނީ ހޯދާފަ އެވެ. އަދި އޭނާ ހިންގަމުންދިޔަ މަކަރާއި ހީލަތުގެ ބޮޑު ނެޓްވޯކް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު މީޑިއާއާ ވާހަކަދައްކަވަމުން އާޒަމްގަޅުގެ އޭއެސްޕީ (ރޫރަލް) ޗިރާގް ޖައިން ވިދާޅުވީ، ސައިބަރ ސެލް އާއި ސިދާރީ ފުލުހުންގެ ޓީމަކުން ހައްޔަރުކޮށްފައިވަނީ އާޒަމްގަޅަށް ނިސްބަތްވާ ރާހުލް ކުމާރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. ޖައިން ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޮޑު މުސާރަ ލިބޭ ވަޒީފާތައް ހޯދައިދޭނެ ކަމަށް ބުނެ ޒުވާނުންނަށް އުންމީދު ދީގެން، ވޯކް ޕާމިޓާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމުގެ ނަމުގައި އޭނާ ވަނީ ކޮންމެ މީހެއްގެ އަތުން 50،000 އާއި 100،000 އިންޑިއަން ރޫޕީސްއާ ދެމެދުގެ އަދަދަކަށް ފައިސާ އަތުލާފަ އެވެ.

މި މަކަރާއި ހީލަތުގެ މައްސަލަ ފަޅާއެރީ، އޭނާގެ މަޅީގައި ޖެހުނު މީހަކަށް ދިން ވޯކް ޕާމިޓަކީ ސައްހަ އެއްޗެއް ނޫންކަން އެނގުމުން އެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ. އެ މީހާ ވަނީ ވަޒީފާގެ ބޭނުމުގައި ރާހުލް ކުމާރަށް ބޮޑު އަދަދަކުން ފައިސާ ދައްކާފަ އެވެ. ނަމަވެސް އޭނާއަށް ސައްހަ ވިސާއެއް ނުވަތަ ވަޒީފާގެ ލިޔުމެއް ލިބިފައެއް ނުވެ އެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، ހައްޔަރުކުރި މީހާއަކީ އެކި ޑިސްޓްރިކްޓްތަކުގައި ހަރަކާތްތެރިވާ، ބޭރު ގައުމުތަކުން ވަޒީފާ ހޯދަން ބޭނުންވާ ނާޒުކު ހާލަތްތަކުގައި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން އޮޅުވާލަމުންދާ ބޮޑު ނެޓްވޯކެއްގެ މެންބަރެކެވެ. ފުލުހުން މިހާރު ދަނީ މި ގްރޫޕުގައި ހިމެނޭ އެހެން މީހުން ދެނެގަތުމަށާއި، މިހާތަނަށް ކިތައް މީހުންނަށް އޮޅުވާލާފައިވާތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ހައްޔަރުކުރި މީހާގެ މައްޗަށް އިންޑިއާގެ ޕީނަލް ކޯޑާއި އައިޓީ އެކްޓްގެ ކަމާބެހޭ މާއްދާތަކުގެ ދަށުން މިހާރު ވަނީ ދައުވާ އުފުލާފައެވެ.