ރާއްޖޭގައި
މިހާރު އެއްވެސް ކަމެއް ގުޑް ގަވަރނަންސް ނުވަތަ ބެސްޓް ޕްރެކްޓިސްގެ އުސޫލުން ނުހިނގާ
ކަމަށާއި، ސަރުކާރުގެ ކުންފުނިތައް ސިޔާސީ އައްޑާތަކަކަށް ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
މެމްބަރު ވަނީ މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މެމްބަރު
އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ދިނުމުގެ ކަންކަން މިއަދު އޮތީ ވަރަށް ދަށު
ދަރަޖައެއްގައި ކަމަށެވެ. އެގޮތުން ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާނު ކުރަމުންދަނީ
ސަރުކާރުން ބޭނުންވާ ވަކި މީހަކަށް "ކޯޓެއް ފަހާފައި ހެޔޮވަރު ކުރާ އުސޫލުން"
ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ވަކިން ހާއްސަކޮށް
ޓެކްނިކަލް ވަޒީފާތަކަށް މީހުން އައްޔަންކުރާއިރުވެސް، އެ މީހެއްގެ ގާބިލިއްޔަތަށް
ބެލުމުގެ ބަދަލުގައި ބަލަނީ ސިޔާސީ ފިކުރަށް ކަމަށާއި، ކޮންމެ ވަޒީފާއަކީ ސިޔާސީ ފިކުރު
ހުންނަ ގޮތެއްގެ މައްޗަށް ލިބޭ އެއްޗަކަށް މިއަދު ހަދަމުންދާ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ސަރުކާރުގެ
ހިއްސާވާ ކުންފުނިތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، މިހާރު
ހުރިހާ ކުންފުނިތަކަކީ ސިޔާސީ ހަރަކާތްތައް ހިންގާ އައްޑާތަކަކަށް ވެފައިވާ ކަމަށެވެ.
މީގެ ކުރިން
އެމްއޭސީއެލް ފަދަ ކުންފުނިތަކަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އުޅޭ ކުންފުނިތަކެއް
ނޫން ނަމަވެސް، މިއަދު އެ ކުންފުނީގެ މާކެޓިންގ މެނޭޖަރުންވެސް ތިބެންޖެހެނީ ރާއްޖެއަށް
އިތުރު ފްލައިޓުތައް ގެނެވޭނެ ގޮތްތައް ހޯދުމުގެ ބަދަލުގައި ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެ
މަސައްކަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަކީ ރައީސް ޑރ. މުހައްމަދު
މުއިއްޒު ޕްރޮމޯޓުކޮށް ޕީއާރް ޖައްސަން ޖެހޭ ބަޔަކަށް މިއަދު ވެފައިވާ ކަމަށްވެސް މެމްބަރު
ފާހަގަކުރެއްވި އެވެ.
މިހާރު ހުރިހާ ކުންފުނިތަކަކީ ސިޔާސީ އައްޑާތަކަކަށް ވެއްޖެ، މީގެ ކުރިން އެމްއޭސީއެލްއަކީ ސިޔާސީ ކަންކަމުގައި ފާހަގަވާ ކުންފުންޏެއް ނޫން، ނަމަވެސް މިހާރު އެމްއޭސީއެލްގެ މާކެޓިންގ މެނޭޖަރުންވެސް ތިބެންޖެހެނީ ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެވޭނެ ގޮތެއް ހޯދުމުގެ ބަދަލުގައި ސަރުކާރުގެ މޫނުމަތި ރީތިކުރާ ޕީއާރްގެ ގޮތުގައި، ރައީސް މުއިއްޒު ޕްރޮމޯޓުކޮށް ޕީއާރް ޖައްސަން މިހާރު އެބޭފުޅުންވެސް ޖެހެނީރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
މީގެ އިތުރުން،
ގައުމުގެ އިގްތިސާދީ ހާލަތާއި ދިމާވާ ގޮންޖެހުންތަކުން ރެކުމަށް ސަރުކާރުން ދައްކާ
ބަހަނާތަކަށްވެސް މެމްބަރު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން އިރާނާއި އިސްރާއީލާ
ދެމެދު ހިނގަމުންދާ ހަނގުރާމައަކީ މި ސަރުކާރުން ކަންކަމުން ބަރީއަވުމަށް ބޭނުންކުރާ
"އެސްކޭޕް ގޯޓެއް" ނުވަތަ ބަހަނާއެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވި އެވެ.
މެމްބަރު
އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކޮށް، ވަޒީފާ ދިނުމާއި
ކުންފުނިތައް ހިންގުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ އުސޫލުތަކެއް ގެންގުޅެންޖެހޭ
ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ މުޅި ދައުލަތުގެ ނިޒާމު ސިޔާސީ ނުފޫޒުގެ
ދަށަށް ގޮސް، ގުޑް ގަވަރނަންސްގެ ހަމަތައް މުޅިން ގެއްލިފައިވާ މަންޒަރު ކަމަށް ވިދާޅުވެ
އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.