މާލެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އިތުރު 55 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން އަންގާރާ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު 55 ކޭސްއާއެކު މިހާތަނަށް މާލެ ސަރަހައްދުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި 18 އަހަރުން ދަށުގެ ކުދިންނަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 5,495 މީހަކަށް ވަނީ ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދީފަ އެވެ.
ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ.