ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން
ގިނަ އަދަދެއްގެ ބައެއްގެ އަތުން އެތައް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް
ތުހުމަތު ކުރެވޭ މައްސަލައެއްގައި، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު
މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ޔަސީން މަގާމުން ވަކިކޮށްފައިވަނީ،
އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑް ކުރުމަށްފަހުގަ އެވެ.
ޔަސީން ސަސްޕެންޑް ކުރިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)
ވެސް ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ރާއްޖެއެމްވީއަށް
ވިދާޅުވީ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ "ޒީރޯ
ޓޮލަރެންސް" ސިޔާސަތެއް ކަމަށާއި، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކާމެދު
ފަސްޖެހުމެއް ނެތް ފިޔަވަޅު އަޅާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސީން ވަނީ އެތަކެއް
ބަޔަކަށް އޮޅުވާލައިގެން، މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެފަ އެވެ.
އަދި އެކަންކަމާ ގުޅޭ އެގްރިމެންޓްތަކެއް ހަދައި، އިތުބާރު ހޯދުމަށްފަހު އެކި މީހުންގެ
އަތުން 8 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް މީޑިއާތަކުން
ވަނީ ރިޕޯޓު ކޮށްފަ އެވެ.

މި މައްސަލައަކީ ސަރުކާރުގެ މަތީ މަގާމެއްގައި
ހުރި ފަރާތަކުން ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ހިޔާނާތެއްގެ ގޮތުގައި ބެލެވޭތީ،
ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަމުންދޭތޯ ރާއްޖެއެމްވީން ވާނީ ފުލުހުންނާ
ސުވާލުކޮށްފަ އެވެ. ނަމަވެސް ފުލުހުން އަދި އެކަމުގައި ޖަވާބެއް ދީފައެއް ނުވެ އެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ސަރުކާރުގެ
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް
ހުރި ދަނޑިވަޅެއްގަ އެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ގޯއްޗާއި ފްލެޓުތައް ދިނުމަށް އެކި ކަހަލަ ޖަރީމާތައް ހިންގަމުންދާކަމުގެ ބޮޑެތި ތުހުމަތުތައް ވަނީ ފެންމަތިވެފަ އެވެ.