މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ
ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެސްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ
ތެރޭގައި މުރައިދޫ ފެނަކަ ކޯޕަރޭޝަން ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުވެސް ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ.
މުރައިދޫ ކިނާރާގެ މުޙައްމަދު ޢާޝިރު އާއި އެ ރަށު ވެނީލާގެ މުޙައްމަދު ޒައިން ޙަސަން އެވެ.
ޢާޝިރަކީ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗެއްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުރި
މީހެކެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިހިނގާ ޖުލައި
މަހުގެ 5 ވަނަ ދުވަހު އެވެ.
މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް
ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވާ
ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި
ހއ. ދިއްދޫ ޕޮލިސް ގުޅިގެންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މުރައިދޫގައި
ހުރި ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި
ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް
ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.