މި މަހުގެ 5 ވަނަ ދުވަހު ގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީ އިން އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ބުނީ، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.
ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ޚަރަދުކުރެވިފައިވާ ކަން އެ އޮތޯރިޓީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ އާދިއްތަ ދުވަހުގެ ރޭ 22:49 ހާއިރު އެވެ. އެ ގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ އާދިއްތަ ދުވަހުގެ ރޭ 23:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެންޑީއެމްއޭއިން މީގެ ކުރިން ބުނީ، އަލިފާން ރޯވި އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ އެޕާޓަމަންޓުގެ ސާމާނުތައް އަނދާފައިވާ ކަމަށާއި، ވަރަށް ބޮޑަށް ސީލިންގަށް ވެސް ދުމުގެ އަސަރުކޮށް ކަޅު ވެފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗް ގައި 25 މީހަކަށް އަދި އޭޑީކޭގައި 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން އެހީތެރިކަން ދިނުމަށް ގަލޮޅު މަދަރުސާގައި އިވެކުއޭޝަން ސެންޓަރެއް ވެސް ގާއިމު ކޮށްފައިވެ އެވެ.