ކިންގްޑަމް އޮފް ބެލްޖީއަމްއަށާއި ޔޫރަޕިއަން
ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާ ސައީދު އައްޔަން
ކުރެއްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހުރިއްޔާ ޑރ.
މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ފޮނުއްވި މައްސަލަ އަންގާރަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީންއާމް ވަނީ އިއްވާފަ އެވެ. އަދި މި
މައްސަލަ ވަނީ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ދިޔާނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި
ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ
ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މިސަރުކާރުގައި ފޮރިން
މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ކުރީގެ ވަޒީރު އާދަމް ޝަރީފް
އުމަރު އާއި  ތޯރިގް އިބްރާހިމް އާއެކު ދިޔާނާ ވަނީ
އައްޔަން ކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން "ރައިޓް
ސައިޒް" ކުރުމުގެ ނަމުގައި އެކި ނަންނަމުގައި މަގާމުތަކަށް މީހުން އައްޔަން
ކުރަމުންދާކަމަށް ރައްޔިތުން ފާހަގަކުރެ އެވެ.