ސ. ހިތަދޫ ގެ ގެއަކަށް ބަޔަކު ވަދެ ތޫނު ހަތިޔާރު
ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން، އެ މައްސަލައިގެ ތުހުމަތުގައި
ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހިތަދޫގައި
މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި
04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ
ފޮޓޯތަކުން ފެންނަ ގޮތުގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގެ ސަބަބުން
އެ މީހުންނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ.
މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން
މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން
ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ
ދަށުންނެވެ.
އެ ސަރަހައްދުގެ އާންމުންގެ ފަރާތުން
"ރާއްޖެއެމްވީއަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގެއަށް ބަޔަކު ވަދެ
ދޭތެރެ ދޭތެރެއިން މާރާމާރީ ހިންގައި، ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ. އަދި
މިފަދަ ހާދިސާތަކާ ގުޅިގެން ފުލުހުން އެ ސީންއަށް ގޮސް ބައެއް ހެކިތައް ގެންދިޔަ ނަމަވެސް،
މީގެ ކުރިން މީހަކު ހައްޔަރުކޮށްފައި ނުވާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން
އުފެދިފަ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ފުލުހުން ވަނީ
މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ
ނުދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މިފަދަ ނުރައްކާތެރި ކުށްތަކުގައި ބައިވެރިވާ
ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފުލުހުން
ފަސްނުޖެހޭނެ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށް
ގެންދާއިރު، ހައްޔަރުކުރި މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.