ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ
ކުނީގެ މިންވަރު ފަސް ލައްކަ ޓަނަށް ވުރެ އިތުރުވެފައިވާކަމަށާއި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް، މޫސުމީ ބަދަލުތަކާ
ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި، އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް
ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި
މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު 517،000 ޓަނަށް ވުރެ އިތުރުވެފައިވާ
ކަމަށެވެ.

 މީގެ އިތުރުން،
ރާއްޖޭގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން
އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި،
ކުނި އުފެދޭ މިންވަރު މަދު ކުރުމަށް މިހާތަނަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި
ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް
ހޯދުމަށްޓަކައި، ކުނި މެނޭޖުކުރުމަށް ހާއްސަ އައު ޤާނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާ
ކަމަށް މުރުތަޟާ ވިދާޅުވި އެވެ. އަދި މި ޤާނޫނުގެ ދަށުން ހަތަރު ޤަވާއިދެއް އެކުލަވާލުމަށް
ނިންމާފައިވާކަންވެސް އޭނާ ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އައު ޤާނޫނީ އޮނިގަނޑުގެ
ސަބަބުން ކުނި މެނޭޖުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި އިދާރާތަކުގެ ޒިންމާތައް
ސާފުކޮށް ކަނޑައެޅިގެންދާނެ އެވެ.

އެގޮތުން ބަލާއިރު، ރަށު ކައުންސިލްތަކާއި، ތިމާވެއްޓާ
ބެހޭ ވުޒާރާއިން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ
އޮތޯރިޓީ (އީއާރުއޭ) އަދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކުރަންޖެހޭ
ކަންތައްތައްވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. މިއީ
ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޒިންމާދާރުކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ
ގޮތުގައި ސަރުކާރުން ދެކެ އެވެ.

މި ޤާނޫނު އައުމާއެކު ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތަކާއި، މިނިސްޓްރީން ކުރަންޖެހޭ ކަންތައްތަކާއި، އީއާރުއޭ އަދި ޔޫއާރުއޭން ކުރަންޖެހޭ ކަންތައްތަކާއި، އަދި އޭގެ އިތުރަށްވެސް ބައެއް ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައްވެސް ވަރަށް ސާފުކޮށް ޤާނޫނުގަ ކަނޑައަޅާފައިވާނެ
ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ

ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް މީގެ
ކުރިންވެސް ގާނޫނެއް އެކުލަވާލެވި އުސޫލުތަކެއް ހެދިފައިވެ އެވެ. ނަމަވެސް، އެފަދަ ޤާނޫނުތައް
އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމަކީ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ
ފަރާތްތަކާއި އާންމުންގެ އަބަދުވެސް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމެވެ.