ކުރީ ސަރުކާރުގައި ކީސްޓޭޖް 2 ގެ ސިލަބަސް
ރިވިއުކޮށް އެކުލަވާލާފައިވާ ފޮތްތައް މި ސަރުކާރަށް 3 އަހަރުވާން ދާއިރު ވެސް
ނުނިމޭ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް
މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ"
ޕްރޮގްރާމުގައި އިހުސާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު
ނިމުނުއިރުގައި ކީސްޓޭޖް 2 ގެ ދަރިވަރުންގެ ސިލަބަސް ރިވިއުކޮށް، އޭގެ މައްޗައް
ފޮތްތައް އެކުލަވާލާފައިވާނެކަމުގަ އެވެ.

އަޅުގަނޑުމެން ސަރުކާރު ނިމުނުއިރު ކީސްޓޭޖް
2 ގެ ފޮތްބައިވާނީ އެކުލަވާލާ ނިންމާފަ. ކަރިކިއުލަމް، މި ސިލަބަސްތަކަށް އިތުރަށް
މި ރިވިއުކޮށް އެ ސިލަބަސްތައް އެކުލަވާލާ، އޭގެ މައްޗައް ފޮތް އެކުލަވާލާ
ނިންމާފަ ވާނީ.
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

އިހުސާން މި ވާހަކަ ދެއްކެވީ މިފަހުން އެޑިއުކޭޝަން
މިނިސްޓަރ ޝަފީއު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޝަފީއު ވިދާޅުވި ގޮތުގައި މިހާރު
ވެސް ސުކޫލުތަކުގައި ކިޔަވައިދެނީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން
އަންނަ މުގައްރަރަކަށް ކަމަށާއި އެކަށީގެންވާ ބަދަލުތަކެއް އެ މުއްދަތުގެ ތެރޭގައި
މުގައްރަރަށް އައިސްފައިނުވާ ކަމަށެވެ. މީގެ އިތުރުން ހިސާބު، އިސްލާމް އަދި
ދިވެހި ކިޔަވަދޭ މުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށް ވެސް ވިދާޅުވެފައިވެ
އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ޕެންޑިންގ ގައި ހުންނާނީ
ހަމައެކަނި ލޭއައުޓް ތައްޔާރުކުރުމާއި ފޮތްތައް ޕްރިންޓް ކުރުން ކަމުގަ އެވެ. އަދި
މިހާރުވެސް ކިޔަވާދެމުން ދަނީ ޓީޗަރުންނަށް ސޮފްޓް ކޮޕީތަކެއް ފޮނުވައިގެން ކަމަށް
ވިދާޅުވި އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ދަރިވަރުން
ހިސާބާށް ދަށްވަނީ ގަޑި މަދުވެގެން ނޫންކަމަށާއި މިހާރުވެސް އެންމެ ގިނަ ވަގުތު
ކިޔަވަދެނީ ހިސާބުކަމަށެވެ. އަދި ދަރިވަރުން ހިސާބަށް ދަށްވާ މާ ގިނަ އަސާސީ
ކަންކަން އެބަހުރިކަމަށް ވިދާޅުވި އެވެ.