އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތަކުގައި
ސްޕީޑް ބާރުކުރަން ޖެހޭ ޕްރޮޖެކްޓްތައް އެބަހުރިކަމަށާއި އެކަން ގަބޫލުކުރާކަމަށް
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަށް މިނިސްޓަރ ޝަފީއު ހާޒިރުކޮށްފައިވާއިރު ކަނޑިތީމު ދާއިރާގެ މެންބަރު
އަމީން ފައިސަލް ވަނީ ށ. ފޭދޫ އަދި ބިލެތްފަހި ސްކޫލްގެ ޕްރޮޖެކްޓް ފަށައި
ނިންމޭނީ ކޮން ތާރީހަކުކަމާއި ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް ނިމޭނީ
ކޮން ތާރީހަކުތޯ ސުވާލު ކުރައްވާފަ އެވެ.
އެސުވާލުގެ ޖަވާބުގައި ޝަފީއު ވިދާޅުވީ، ގޮއިދޫ
ޕްރޮޖެކްޓް ކުޑަކޮށް ލަސްވެއްޖެ ކަމަށާއި ފޭދޫ ޕްރޮޖެކްޓުގައި ވެސް ޑިލޭއެއް
އުޅޭކަމަށެވެ. ޝަފީއު ވިދާޅުވީ ކަމެއް ރަނގަޅުކުރަން ބޭނުންވަންޏާ އެރަނގަޅު
ކުރަން ބޭނުންވާ ކަމެއްގެ ވާހަކަ ނުދައްކާ ހުރުމަކީ އެންމެ ހެޔޮގޮތެއް ނޫން
ކަމުގަ އެވެ.
އެޑިއުކޭޝަންގެ ދާއިރާގައި ގާތް ގަނޑަކަށް 160ށް ޕްރޮޖެކްޓް
ހިގަމުންދާއިރު މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ސައިޓުތައް ސުޕަވައިޒުކޮށް
ކޮންސްޓްރަކްޝަން ކުންފުނިތަކުން ކުރާ ހުރިހާ ކަމެއް ކުރެވެމުން ދަނީ
ކޮލިޓީކޮށްތޯ ބަލައި ކަށަވަރުކުރަމުން ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި
މިނިސްޓްރީ ލެވަލްގައި ވެސް ހަލުއި ކުރަންޖެހޭ ކަންކަން އެބަހުރިކަން
ގަބޫލުކުރާކަމަށް ވިދާޅުވެފައި އެވެ.
ރައީސް އަޅުގަނޑުމެންނަށް ދެއްވާފައިވާ
އިރުޝާދަކީ މަސައްކަތް ކުރެވެމުންދާއިރު، ރައްޔިތުންގެ ފައިސާއިން މަސައްކަތް
ކުރެވޭ އިރުގައި އެކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކޮލިޓީގައި ފެންވަރު
ރަނގަޅުކޮށް ކުރެވޭ މަސައްކަތް ކަމުގައި ކަށަވަރު ކުރަންވާނެ. އެފަދަ ކަންކަމަށް
ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ވަގުތު ހޭދަކުރަންޖެހުމާއެކު ހަމަ
ޑިލޭސްތަކެއް މިއުޅެނީ، އަޅުގަނޑު ގަބޫލުކުރަން ހަމަ އިނގޭތޯ އަޅުގަނޑުމެން
އެބަޖެހޭ ތަންކޮޅެއް ސްޕީޑް ބާރުކުރަން މިނިސްޓްރީގެ ސައިޑުން ވެސްއެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
ޝަފީއު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު
ދެއްވާފައިވާ އިރުޝާދަކީ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މަސައްކަތް ކުރާއިރު
އެމަސައްކަތް އެކަށީގެންވާ ފެންވަރުގައި ކުރެވޭ މަސައްކަތެއް ކަމުގައި
ކަށަވަރުކުރަން ވާނެކަމަށެވެ. އަދި ޕްރޮޖެކްޓްތައް ލަސްވަމުންދަނީ މިފަދަ
ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހުމުން ކަމަށާއި މިނިސްޓްރީގެ ފަރާތުން ސްޕީޑް
ބާރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.