މާލޭގެ އުތުރު ބަނދަރު (ނޯތު ހާބަރު) ބޭނުންކުރުމުގައި އެމްޕީއެލް އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ދިމާވެފައި ގޮންޖެހުންތަކާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މަޖިލީޖަށް ހާޒިރު ކުރުމަށް އެދެފި އެވެ.
މިކަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ފޮނުއްވި ސިޓީގައި ވަނީ ނޯތު ހާބަރު ބޭނުން ކުރުމުގައި އެމްޕީއެލް އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން އެމްޕީއެލް އިން މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ބަނދަރަށް ކައިރިކުރަން ކިއު ނަންބަރެއް ހޯދުމަށްފަހު، 10 އަކާ 15 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރަން ޖެހުމުގެ ސަބަބުން ކުރިން މަހަކު ދެތިން ދަތުރު ކުރި ބޯޓު ފަހަރަށް ކުރެވެނީ އެންމެ ދަތުރެއް ކަން އެ ފަރާތްތަކުން ފާހަގަ ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވެ އެވެ.
މެންބަރު ވިދާޅުވީ މީގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ރަށްރަށަށް މުދާ ސަލްޕައި ކުރުމަށް ވެސް ބުރޫ އަރާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނީ މާލޭގެ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއާއެކު ބޯޓުފަހަރު އަޅާނެ ޖާގަ ކުޑަވެ، ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގާއިރު ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވެސް އޮޑިވެރިން ކުރަމުންދާ ކަމަށެވެ.
ޚާއްސަކޮށް މާލެއާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރަށް މި އުސޫލުގެ ސަބަބުން ކުރާނެ ދަތުރުތައް މަދުވެ، މުވައްޒަފުންގެ މުސާރައާއި ތެލުގެ ޚަރަދު ދެކޮޅު ނުޖެހޭ މައްސަލަ ބޮޑުވެފައިވާ ކަން މެންބަރު ފާހަގަ ކުރެއްވި އެވެ.
މެންބަރު ވިދާޅުވީ ނޯތު ހާބަރު ބޭނުންކުރާ އޮޑިވެރިންނަށް މުދާ އުފުލުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށްޓަކައި އެ ބަނދަރުގައި އަމަލުކުރަމުންދާ ކިޔޫ އުސޫލު އިސްލާހު ކުރުމަށް އޮޑިވެރިން އެދެމުންދާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެ އިސްވެރިން ހާޒިރުކޮށް މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަސް ގެންދެވައިދެއްވުމަށް މެންބަރު އެދިވަޑައިގެންފައި ވެ އެވެ.