މާލޭގެ ހުޅަނގު ބަނދަރު ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިގެން، އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އާދީއްދަ ދުވަހުގެރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު ބަނދަރު ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 88 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށް ފައެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 27 މީހުންނަކީ ރާއްޖޭގައި އުޅުމުގެ ގަވާއިދުތަކާ ހިލާފުވެފައިވާ މީހުންނެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 202,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފަވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ ހިމެނޭހެން އެކުލަވާލާ ފުރިހަމަ ޑޭޓާބޭސްއެއް އެކުލަވާލުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެމުންދާ ފުރުސަތުތައް އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެންނާނެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ދިނުމެއް ނެތި ވަގުތުން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މިފަދަ އޮޕަރޭޝަންތައް ހިންގަމުންދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަކުރަމުންދާ މައްސަލަ އާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.