ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާ ބައްދަލު ކުރައްވަފި އެވެ. ހޯމަ ދުވަހު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުންވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ދެ ޤައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވާފަ އެވެ.

ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންވެސް، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.