2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގިނަ ސިޔާސީ ޕާޓީތަކުން ހުށަހެޅި އިރު، އަދާލަތު ޕާޓީ އާ އެމްއެންޕީ އިން އެ ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އީސީ އިން ވަނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ސިޔާސީ ޕާޓީތަކުން ހުށަހެޅި ގޮތުގެ ތަފްސީލް ހިއްސާ ކޮށްފަ އެވެ. 

އެ ކޮމިޝަނުން ހާމަ ކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓުތައް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހެވެ. އެ ދުވަހުގެ ނިޔަލަށް ރިޕޯޓް ހުށަހަޅާފައި ވަނީ ޖުމްލަ 5 ޕާޓީ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ. 

އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ އިތުރުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ. 

ދެ ޕާޓީ އިން އޮޑިޓް ރިޕޯޓުތައް ހުށަހަޅާފައި ނުވާއިރު އެއީ އަދާލަތު ޕާޓީ ގެ އިތުރުން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އެވެ. 

2026 ވަނަ އަހަރުގެ ދައުލަތު ގެ ބަޖެޓުން ދޭ ފައިސާ ގެ އެހީ ދިނުމަށް ބޭނުންވާ ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީ އަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ މައުލޫމާތުފައި ބުނީ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަސް، 2025 ނޮވެމްބަރު 25 ގެ ނިޔަލަށް، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީ ގެ އަދަދަކީ 4 ކަމަށެވެ.

އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިތުރުން ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ.