މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން
ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި
ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމުގެ ނަމުގައި ޕަބްލިކް ރިލޭޝަންސް (ޕީއާރު) ކޮންސަލްޓަންޓެއް
އައްޔަނުކުރުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ނިންމުމަކީ
މިނިސްޓްރީގެ މުވާސަލާތީ ގާބިލުކަން އިތުރުކޮށް، މީޑިއާތަކާއި އާންމު ރައްޔިތުންނާ
އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ރާއްޖޭގެ އެއްގަމާއި،
ކަނޑާއި، އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމު ބެލެހެއްޓުމުގެ މައިގަނޑު
މަސްއޫލިއްޔަތު އުފުލާ އިދާރާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް
ގުޅުވައިދިނުމުގައި މިނިސްޓްރީން އަދާކުރާ ދައުރު ބޮޑުވަމުންދާއިރު، އެކަށީގެންވާ
ޚިދުމަތްތަކެއް މިނިސްޓްރީން ނުލިބޭކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން ގެންދަނީ
ފާޅު ކުރަމުންނެވެ.

މި ދަނޑިވަޅުގައި ޕީއާރް ކޮންސަލްޓެންޓެއް
ހޯދުމަށް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް
އާންމުންގެ އޮންނަ ޝައުގުވެރިކަން އިތުރުވެފައިވާތީ، މި މަސައްކަތްތަކުގެ ދެފުށް ފެންނަ
މިންވަރު އިތުރުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓްރީގެ
އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އަލަށް އައްޔަނުކުރާ ޕީއާރު ކޮންސަލްޓަންޓުގެ މައިގަނޑު
ޒިންމާތަކުގެ ތެރޭގައި، މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަސައްކަތްތައް
ރޭވުމާއި އިސްވެ ހިންގުން ހިމެނެ އެވެ. މީގެ އިތުރުން، މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި
އެއްގޮތް އުސޫލުތަކެއް ގެންގުޅުމާއި، މިނިސްޓްރީގެ މަސައްކަތްތަކާ މެދު އާންމުންގެ
މެދުގައި އޮންނަ ތަސައްވުރު ރަނގަޅުކުރުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން
ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި މަޤާމުގެ މުސާރައިގެ ގޮތުގައި 20،000 ރުފިޔާއަށްވުރެ
ބޮޑު އަދަދެއް ލިބެ އެވެ.

ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއަށްވެސް ޕީއާރް ކޮންސަލްޓަންސީ ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނާ ރައީސް މުއިއްޒުގެ ސަރުކާރުގެ އެކި އިދާރާތަކުން ގެންދަނީ އެކި ނަންނަމުގައި ވަޒީފާތަކަށް މީހުން ނަގަމުންނެވެ.