ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު މައުރޫފު ވަނީ  ބ. އަތޮޅުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އާރްޓީއެލް ފެރީ އޮވެ، ގިނަ މީހުން ދަތުރު ކުރަމުންދަނީ ލަކުޑި ފެރީ ގައި ކަމަށާއި، އެގޮތަށް އެކަން ވަނީ ޓިކެޓު ނެގުމަށް އުދަނގޫވާތީ ކަމަށެވެ. 

އެހެންކަމުން ޚިދުމަތްތައް ޑިޖިޓަލް ކުރާއިރު، އެ ޚިދުމަތެއް ފަސޭހައިން ރައްޔިތުންނަށް ބޭނުން ކުރެވޭ ނުވަތަ ލިބޭނެ ގޮތް ހަަމަޖައްސަން ޖެހޭ ކަމަށާއި، ރައްޔިތުން ވެސް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ބައެއް ދުވަސްދުވަސް، އާރުޓީއެލް ހުސްކޮށް ދާއިރު ލަކުޑިފެރީގައި ސަތޭކައެއްހާ މީހުން އެބަ ދަތުރުކުރޭ. ގިނަ މީހުންނާއި އަހާލީމާ ބުނަނީ، ޓިކެޓް ނަގަން އުނދަގުލީ ކަމަށް. އަޅުގަނޑުމެން ޑިޖިޓަލައިޒް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެފަދަ ގާނޫނުތަކަކަށް ބަހުސް ކުރަމުންދާއިރުގައި މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ގިނަ ރައްޔިތުންނަށް ޓިކެޓް ނަގަން އުނދަގޫވުން ނުވަތަ ހޭލުންތެރިކަން ނެތުން ނުވަތަ ފަސޭހައިން އެކަން ވާނެ އިންތިޒާމުތައް އޮތުން އެއީ ވަރަށް މުހިންމު ކަމެއް.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ޚިދުމަތްތައް ގާއިމުކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެ ޚިދުމަތްތަކުގެ ބޭނުން ރައްޔިތުންނަށް ނުހިފޭކަމުގައި ވާނަމަ، އޭގެ ގެއްލުން ރައްޔިތުންގެ އިތުރުން ދައުލަތަށް ވެސް ލިބޭ ކަމަށެވެ. އަދި ފެރީގެ ޚިދުމަތް ދިނުމުގައި ވެސް މިހާރަށް ވުރެ ރަނގަޅަށް މި އިންތިޒާމް ހަމަ ޖައްސަން ޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ އާރްޓީއެލް ޚިދުމަތުން ރަށްރަށް ޑިޖިޓަލައިޒްކޮށް ގުޅައިލަމުންދާއިރު، އެ ދަތުރުތައް އޮންނާނެ ގޮތާއި، ގަޑި އާއި، ހުރިހާ ކަމެއް ރައްޔިތުންނަށް ފަސޭހައިން އެނގޭނެހެން އިންތިޒާމް ގާއިމް ކުރަން ޖެހޭ ކަމަށެވެ. މެންބަރު މައުރޫފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދޭ ކަމަށްވާނަމަ އޭގެ ފައިދާ ކުރާނެ ކަމަށާއި، ނަމަވެސް މިހާރު މިޚިދުމަތް ދެމުންދާ ގޮތުން ލިބޭނީ ގެއްލުން ކަމަށެވެ. އަދި ވިދާޅުވީ ކުރާ ހަރަދު ވެސް ބަދަލު ވެސް ނުލިބޭނެ ކަމަށެވެ.