އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އޮޑިޓް އޮފީހުން ނެރެފައިވާ އަރިއަތޮޅު އުތުުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް އިދާރާގެ 2024 ވަަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ  ދިރިއުޅެން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ، ރަޖިސްޓަރ ކުރުމުގެ ގަވާއިދު ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ވަނީ އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޮތަށް ބީލަމުގެ އުސޫލަށް ނުފެތޭ ގޮތަށް، އެހެން ނަމަވެސް އާންމުކޮށް އިއުލާނު ކޮށްގެން ވަކި ބޭނުންތަކަށް ބިން ދޫކުރެވިދާނެ ކަމަށް ކަމަށެވެ. 

އެއީ: 

1. މަސް ކައްކައި ހިއްކުމައި، ލޮނު އެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތް ފަދަ މަސައްކަތްތަކަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތައް ދޫކުރާ ބިން

2. ދަނޑުވެރިކަމުގެ މަސައްކަތަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން

3. ޖަނަވާރު ގެންގުޅުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން

4. ގާޑިޔާގެ ވިޔަފާރި ހިންގުމަށް 1 އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން 

5. ސާފުކޮށް ބެލެހެއްޓުމަށް 1 އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން

އޮޑިޓް ރިޕޯޓުގައި ބުނީ ނަމަވެސް ކައުންސިލުން 2024 ވަނަ އަހަރު ގާޑިޔާ ހިންގުމަށާ ރެސްޓޯރަންޓްތަކުގެ އައުޓްޑޯ ސަރަހައްދުގެ ކައުންސިލްގެ ބިން ވަގުތީ ގޮތުން ކުއްޔަށް ދޫ ކޮށްފައިވަނީ އާންމު ކޮށް އިއުލާނު ނުކޮށް ކަމަށެވެ. އަދި މިފަދައިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މަތިން ދޫކޮށްފައިވާ ބިންތަކެއް ނޫން ކަން ފާހަގަ ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ، ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ބިން ދޫ ކުރުމަށް އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް ލަފާ ދީފަ އެވެ. 

އޭގެ އިތުރުން އެ ރިޕޯޓުގައި ބުނީ ކައުންސިލްގެ އިދާރާގެ ބިމުގެ ދަފްތަރު އެކުލަވާލާފައި ނުވާ ކަމަށެވެ.

ރިޕޯޓުގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ރަށު ކައުންސިލުން އެ ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާ ބެހޭ ގައުމީ ދަފްތަރު އެކުލަވައި ބަލަހައްޓައި އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން އެކުލަވާލެވިފައިވާ ބިމުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާ އަކުން ވެސް އެ އިދާރީ ދާއިރާއެއް ނިސްބަތްވާ ރަށު ކައުންސިލްތަކުގެ ބިމުގެ ދަފްތަރު ލިޔެ، ބަލަހައްޓަން ވާނެ ކަމަށެވެ. 

މި ދަފްތަރުގައި ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކާއި، ސަރުކާރަށް ދޫކުރެވިފައިވާ ގޯތިތަކާ، ވިޔަފާރި އުސޫލުން ދޫކުރެވިފައިވާ ބިންތަކުގެ އިތުރުން ރައްޔިތުންގެ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތަކާއި، ވަގުތީ ގޮތުން ދޫކުރެވިފައިވާ އޮޑި ހަރުތަކާއި، އަމިއްލަ ބޭނުން ތަކަށް ދޫކުރެވިފައިވާ ބިންތަކާއި، ވިޔަފާރި ކުރުމާއި ސިނާއީ މަސައްކަތަކަށް ދޫކުރެވިފައިވާ ބިންތައް އަދި އިޖްތިމާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް ވަކިން ހިމަނަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލް އިދާރާގެ ބިމުގެ ދަފްތަރެއް ބަލަހައްޓާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.