މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު.ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ)  ކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

 ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. 

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށް އަދި އެ ފިހާރައިން އެ މީހުން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.  

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.