ގ.ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ  އާދިއްތަ ދުވަހުގެ ރޭ 22:49 ހާއިރު އެވެ. އެ ގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ އާދިއްތަ ދުވަހުގެ ރޭ 23:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ އެޕާޓަމަންޓުގެ ސާމާނުތައް އަނދާފައިވާ ކަމަށާއި، ވަރަށް ބޮޑަށް ސީލިންގަށް ވެސް ދުމުގެ އަސަރުކޮށް ކަޅު ވެފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗް ގައި 25 މީހަކަށް އަދި އޭޑީކޭގައި 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. 

އެމްޑީއެމްއޭއިން ބުނީ، މި ހާދިސާއާ ގުޅިގެން އެހީތެރިކަން ދިނުމަށް ގަލޮޅު މަދަރުސާގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށް، އެ އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

 

އެގޮތުން އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭ ގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. 

މީގެ އިތުރުން ބައެއް މީޑިއާތަކުގެ އެގޭގައި ދިރިއުޅޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި އޮތް ޕަވަބޭންކެއްގައި ރޯވެގެން ކަމަށެވެ. 

ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައިނުވެ އެވެ.