ސަރުކާރުން
"ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން
ވަޒީފާއިން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން
ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެމްޓީސީސީން
އިއުލާނު ކޮށްފައިވާ ވަޒިފާތަކަށް ބަލާއިރު، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގް
ޑިވިޜަންއަށް  އެސޯސިއޭޓް ޕްރޮޖެކްޓް
މެނޭޖަރަކު ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ. އެ މަޤާމުގެ މުސާރަ 17،000 އަށްވުރެ
މައްޗެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 9 ޖުލައިގެ ނިޔަލަށް
ހުޅުވާލެވިފައިވެ އެވެ.

މީގެ އިތުރުން،
ކުންފުނިން ކަނޑައަޅާ ސައިޓުތަކެއްގައި މަސައްކަތް ކުރަންޖެހޭ ގޮތަށް ގިނަ
މުވައްޒަފުންތަކެއް ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، އެމީހުންނަށް މަޤާމަށް އެދި
ހުށަހަޅަން ދީފައިވަނީ އެންމެ ދުވަހެކެވެ. އެގޮތުން 5 ޖުލައިގައި ކުރި މި އިއުލާނާ
ގުޅިގެން ޝައުޤުވެރިވާ ފަރާތްތަކަށް ދީފައިވާ ސުންގަޑިއަކީ 6 ޖުލައި ގެ 16:00 ގެ
ނިޔަލަށެވެ.

އޭގެ
ތެރޭގައި ޝަޓަރިންގ ކާޕެންޓަރުންގެ މަޤާމަށް 4 މުވައްޒަފުން ހޯދުމަށް އިއުލާނު
ކޮށްފައިވާއިރު، އެ މަޤާމުގެ މުސާރަވެސް 11،000 އިން މައްޗެވެ. ހަމަ މި
މުސާރައިގައި 2 ބާބެންޑަރުން ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެއީވެސް
ކުންފުނިން ކަނޑައަޅާ ސައިޓުތަކެއްގައި މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.

މީގެ
އިތުރުން، 5 ވެލްޑަރުންނާއި، ޕްލަމްބަރަކާއި، 8 ޕެއިންޓަރުން ހޯދުމަށްވެސް އިއުލާނު
ކޮށްފައިވާއިރު، އެމީހުންވެސް މަސައްކަތް ކުރަންޖެހޭ ވަކި ސައިޓެއް
ބަޔާންކޮށްފައެއް ނުވެ އެވެ.

އެމްޓީސީސީން
މީގެ އިތުރުންވެސް އިތުރު ގިނަ ވަޒީފާތަކަކަށް އިއުލާނު ކޮށްފައިވެ އެވެ. އެގޮތުން
ލ ގަމަށް 13،900 ރުފިޔާގެ މުސާރައާއެކު އެސިސްޓެންޓު މެކޭނިކެއް ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
އަދި ދެފަރާތުން އެއްބަސްވާ މުސާރައެއްގައި މަސައްކަތް ކުރާ ގޮތަށް، ގްރޭޓަރ މާލެ
ސަރަޙައްދަށް 2 ސީނިއަރ މެކޭނިކުން ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މީގެ
އިތުރުން، އެމްޓީސީސީ ސޯމިލްއަށް އިންޓާނަލް އޮޑިޓަރަކާއި، ސީނިއަރ އެކައުންޓސް
އޮފިސަރެއް ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި 18،000 އަށްވުރެ ބޮޑު
މުސާރައެއްގައި ސިސްޓަމް އެނެލިސްޓެއް ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މީގެ
އިތުރުން، ތިލަފުށީގައި މަސައްކަތް ކުރަން 6 ފައިބަރ ގްލާސް ޓެކްނީޝަނުންނާއި، މި
ދިއްގަރަށް އެސިސްޓެންޓް މެކޭނިކެއް ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މި
މަޤާމުތަކަށް ކުރިމަތިލާން ދީފައިވާ ސުންގަޑިއަކީ 12 ޖުލައި އެވެ.

ސަރުކާރުގެ
"ރައިޓް ސައިޒް" ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަމަށް
ބުނެ، ރަށްރަށުން ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ
މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްކޮޅުން ސަރުކާރުން
ބޭނުންވާ ތަންތަނުގައި ވަޒީފާތައް އުފައްދައި މަގާމުތަކަށް ގިނަ އަދަދެއްގެ
މުވައްޒަފުން ނަގަމުންދާކަން ފާހަގަ ކުރެވެ އެވެ.