ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުގައި ހުރި އެކިއެކި މައްސަލަތަކާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ ގުޅޭ މައްސަލައަށް މި ސަރުކާރަށް ހައްލެއް ގެނެވޭނެ ތާރީޚެއް، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅެއް ނުވި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ އާރްޓީއެލް ފެރީތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވާތީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާ އެކަމަށް ހައްލެއް ލިބޭނީ ކޮންއިރަކުން ތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ނުދެއްވާ ސައީދު އެންމެ ފުރަތަމަ ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ވަޑައިގަތީ އެ ސުވާލަށް ތައްޔާރު ވެގެން ކަމަށެވެ.
އެއަށްފަހު ދެން ވިދާޅުވީ އާރުޓީއެލްގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައިވާ ކަމަށެވެ. އަަދި ވިދާޅުވީ އެ ޚިދުމަތް ނުދެވި އޮތީ ޖުމްލަ 5 އަތޮޅުގައި ކަމަށާއި 15 އަތޮޅެއްގައި އެ ޚިދުމަތް ދެމުން އަންނައިރު، 35 ސްޕީޑުބޯޑު އެ ހިދުމަތުގައި ބޭނުންކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ ޖެނުއަރީގެ ކުރިން ބާކީ ހުރި ރަށްތަކާ އެކު މުޅި ރާއްޖެ އެ ނެޓްވޯކުން ގުޅާލެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައިނުވާތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ހަމަ އެ ސުވާލު އިތުރަށް ތަފްސީލު ކޮށް، މިނިސްޓަރާ ވަނީ ކުރައްވާފަ އެވެ.
އެގޮތުން ފެރީތައް ކެންސަލްވާ މައްސަލައަކީ މިއަދު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ އެކަމަށާ އޮތް ހައްލަކީ ކޮބައިތޯ ވިދާޅުވެ، މެންބަރު ސުވާލު ތަކުރާރު ކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި ވެސް ސައީދު ތަކުރާރު ކުރެއްވީ ހަމަ ކުރިން ދެއްކެވި ވާހަކަ އެވެ. އެގޮތުން އާރުޓީއެލްގެ ޚިދުމަތް އަންނަ ޖެނުއަރީގެ ކުރިން ބާކީ 5 އަތޮޅުގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައު އަތޮޅެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު ފެރީ ނުގެނައުމެވެ. އަދި އިތުރު ތިން ހަތަރު އަތޮޅަށް މި ނިޒާމު ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ފެރީ ނުބަނދެ ކަމަށް ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން ވެސް އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ބައެއް ރައްޔިތުން ފާހަކުރާ ގޮތުގައި ފެރީތައް ކުއްލިއަކަށް ކެންސަލް ވުމަކީ ވެސް ރައްޔިތުންނަށް މިއަދު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ.