ރާއްޖެ ޑިޖިޓަލައިޒްކޮށް
ކަރުދާސް ބޭނުންކުރުން މަދުކުރާ ނުވަތަ "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު،
މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައިކަމަށް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު
ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޖިޓަލައިޒޭޝަން ބިލަށް ބަހުސް ކުރައްވަމުން
މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ޤާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި
ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އެތައް ކަމެއް ޙައްލުނުވެ އެބަހުރި ކަމަށެވެ.
ކޮންމެ ކަމެއް
ނުވެ އޮންނަނީ ޤާނޫނެއް ނެތިގެން ނޫންކަން ފާހަގަކުރައްވައި، ޒިޔާދު ވިދާޅުވީ ރާއްޖެ
ޑިޖިޓަލައިޒްކޮށް ކަރުދާސް ބޭނުންކުރުން މަދުކުރާ ނުވަތަ "ޕޭޕަރލެސް" ކުރާ
ވާހަކަ ދައްކާއިރު، މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް"
ވެފައި ކަމަށެވެ.
ސަރުކާރުގެ
އިދާރީ ހިންގުމުގެ ދޯދިޔާކަމުގެ މިސާލެއް ދައްކަވަމުން ޒިޔާދު ވިދާޅުވީ، ބ. އޭދަފުއްޓަށް
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި ޑޮކްޓަރުންގެ ޓިކެޓަށްވާ ފައިސާ އަދިވެސް
ނުލިބޭ ކަމަށެވެ. އެ ފައިސާ ހޯދުމަށް މިއަދާ ހަމައަށްވެސް ސިޓީގެ ޒަރިއްޔާއިން ފިނޭންސް
މިނިސްޓްރީގައި އެދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން،
ޖިންސީ ކުށުގެ ޤާނޫނުގައި ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި "ރޭޕް
އެވިޑެންސް ކިޓް" ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދެ އަހަރު
ވެގެންދާއިރު އެ ކިޓު ލިބެން ހުރީ ހަމައެކަނި ހުޅުމާލޭގައި ކަމަށް ޒިޔާދު ވިދާޅުވި
އެވެ.
ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އޭދަފުއްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި ޑޮކްޓަރުންގެ ޓިކެޓު ލާރި އަދިވެސް ނުލިބިގެން މިއަދާ ހަމައަށް ފިނޭންސަށް ލިޔެލަ ލިޔެލާ އެތިބީ، ޤާނޫނެއް ހެދިފައި އެބައޮތް އެކަމަށްވެސް، އެއީ ޚިދުމަތެއް، ޖިންސީ ކުށުގެ ޤާނޫނުން ލާޒިމުކުރޭ ރޭޕް އެވިޑެންސް ކިޓް ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި ހުންނަންވާނޭ، މިއަދާ ހަމައަށް ހުރީ ހުޅުމާލޭގައި، ދެ އަހަރުވީ، މިވެސް ފެންނާކަށް ނެތް.ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
އަތޮޅުތެރޭގެ
ސިއްޙީ ޙާލަތަށް އަލިއަޅުވާލައްވަމުން މެމްބަރު ވިދާޅުވީ، މި ސަރުކާރުން އޭދަފުށީ ސިއްޙީ
މަރުކަޒުގެ ވާހަކަ ދައްކާއިރު، އެތަނުގެ ޙާލަތު އޮތީ ނުހަނު ދަށުގައި ކަމަށެވެ. އެގޮތުން
އެންމެ ކުޑަމިނުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއްވެސް އެތަނުގައި ނެތްކަން
އޭނާ ފާހަގަކުރެއްވިއެވެ. މިއީ މުޅި އުތުރުގެ ސިއްޙީ ޙާލަތުވެސް މިއަދު އޮތް ގޮތް ކަމަށް
ޒިޔާދު ވިދާޅުވި އެވެ.
ސަރުކާރުން
"މޯލްޑިވްސް 2.0" ގެ ނަމުގައި ޤައުމު ޑިޖިޓަލް ކުރުމުގެ ވާހަކަ ކިތަންމެ
ބާރަށް ދެއްކި ނަމަވެސް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ހުރީ އިންތިހާއަށް
ދަށްކޮށް ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ
ވަޒީރުންނާ ސުވާލު ކުރުމުންވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމީ ހިތާމަހުރި
ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މެމްބަރު
ޒިޔާދުގެ ވާހަކަ ނިންމަވާލެއްވީ ދިވެހި ރައްޔިތުން މިއަދު ތިބީ ފަޤީރުވެފައިކަން ފާހަގަކުރައްވަމުންނެވެ.
ޤައުމުގެ ނިޒާމުތައް ޒަމާނީ ކުރާ ވާހަކަ ދައްކާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި
މާލީ ތަނަވަސްކަން އޮތް މިންވަރަށް ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި
އެވެ.