ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ ސުވާލު ކުރުމުން އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާ ވެސް ނުގުޅޭ ވާހަކަ ދައްކަވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ ޑޮލަރު ރޭޓު ހިފެހެއްޓުމެއް ނެތި މައްޗަށް ދާތީ ސުވާލު ކުރައްވާފަ އެވެ.

މަނިކުފާނުގެ އަމިއްލަ އަނގައިން މީގެ ދެ އަހަރު ކުރިން، މަޖިލީސް މެންބަރުންގެ ކެމްޕެއިންގަ، މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ޑޮލަރުގެ އަގު، ރަސްމީ ރޭޓަށް ތިރިކޮށްލާނަމޭ. ތިމަންނަމެންނަށް ކުރެވިދާނެ ކަމެކޭ. މަނިކުފާނު ރައްޔިތުންނަށް އެ ވާހަ ވިދާޅުވީ އެއްވެސް ދިރާސާ އެއް ކޮށްފަތޯ. ތި ވިދާޅުވަނީ އެމްޑީޕީ އިން އެވަނި ކަމެއް ކުރިއޭ. މިވަނި ކަމެއް ކުރިއޭ. އެ ދުވަހު ދިރާސާ ނުކޮށްތޯ އެ ދުވަހު އެ ދޮގު ވައުދު ވީ. 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ

އެ ސުވާލު މީގެ ކުރިން ވެސް މިނިސްޓަރާ އެތައް ފަހަރެއްގެ މަތިން މެންބަރުންނާ ނޫސްވެރިން ވެސް ކޮށްފައިވާއިރު މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފަ އެއް ނުވެ އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ވެސް މިނިސްޓަރު ދެއްކެވީ މުޅިން އެހެން ވާހަކަތަކެކެވެ.  

އެގޮތުން ސައީދު ވިދާޅުވީ މަޖިލިސް ޕީއެންސީއަށް ލިބުނު ކަން އެއީ ދިވެހިރާއްޖޭގެ ނަސީބު ކަމަށާ އެހެން ނޫން ނަމަ ރާއްޖެ ބަނގުރޫޓްވާނެ ކަމަށެވެ. 

ދެން ސައީދު ދެއްކެވީ ރާއްޖެ އިން ދަރަނި ދައްކާފައިވާތީ އެވާހަކަ އެވެ. އެގޮތުން މިހާތަނަށް 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާ ދަރުވާލާފައިވާ ކުންފުނި ތައް ކޮޅަށް ޖަހާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބައްލަވާ 1.2 ބިލިއަން ޑޮލަރުގެ ދަރަންޏޭ މި ދެއްކީ. ދެ އަހަރުގެ ތެރޭގައި. ރާއްޖެ ބަނގުރޫޓް ނުވެ، ރާއްޖޭގެ 26 ބާވަތުގެ އަސާސީ މުދާ ރައްކާތެރިކަމާއެކު ގެންގުޅެމުން 164 ބާވަތުގެ އެސެންޝަލް މުދާ ދުވަހުން ދުވަހަށް ބެލެހެއްޓެމުން، ރާއްޖޭގެ ކުންފުނިތައް، ދަރާ ވިކިފަ ހުރި ކުންފުނިތައް ކޮޅަށް ޖަހައިގެން ކުރިއަށް ގެންދަމުން، އެތައް ބައިވަރު ކުދި ވިޔަފާރިތަކެއް ދަރަނިވެރިވެފަ އޮއްވާ ދަތި އުނދަގުލާއެއްްކޮށް ވެސް ފައިސާ ދެމުން އައިމަ ދެއްތޯ ރާއްޖޭގެ ރޭޓިންގ އިމްޕްރޫވް ވެގެން މިއުޅެނީ. ކެތްތެރިކަމާއެކު ކުރެވުނީމަ ނޫންތޯ. 
އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދް

ޑޮލަރު މާރުކުރާ ތަންތަނުން ހާމަކުރާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20 ރުފިޔާ އާއި 21 ރުފިޔާ އާ ދެމެދު ގަ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާ އަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދިވެސް ވިދާޅުވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.

ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.