ހޯޕް އައިލެންޑްގެ ނަމުގައި ސަރުކާރުން ހިންގުމަށް
ރާވާފައިވާ މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން
ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ ޕްރޮޖެކްޓެއް ކަމަށް ކުރީގެ ނައިބު ރައީސް
ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިގައި ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ފުރިހަމަ
މޮޑުލް އެއް އޮތް ކޮންސެޕްޓެއް ކަމަށާއި މި ޕްރޮޖެކްޓަކީ ސަރުކާރުގެ ކަމާއި
ގުޅުންހުރި މުއައްސަސާތަކާއި ފަންނީ އެތައް ބައެއްގެ ބައިވެރިވުން ހިމެނޭނެހެން
ލ. ކަލައިދޫގައި ހިންގުމަށް ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ މަގުސަދަކީ
މުޖުތަމައު އިން ހަވާސާވެފައިވާ ފަރާތްތަކަށާއި ކުށުގެވެށީގައި އުޅޭ ޒުވާނުން
ރިހެބިލިޓޭޓް ކުރުމާއި، ތައުލީމާއި ތަމްރީން އުނގަންނައިދިނުމާއި، އުފެއްދުންތެރި
އާމްދަނީ ލިބޭނެ މަސައްކަތެއް ދަސްކޮށްދީ އަދި އެ މަސައްކަތްތައް ކުރުމުގެ
ފުރުސަތު ހޯދައިދިނުމާއި އަމިއްލަ ފައިމައްޗައް ތެދުވެވޭނެ ގޮތެއް ހޯދައިދިނުމެވެ.

މި މަޝްރޫއުއަކީ މުޖުތަމައުގައި ހުރި ގިނަ
މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ގޮތަށް ރޭވިފައިވާ މަޝްރޫއުއެއް ކަމަށާއި
މިއަދު މިކަން ކުރުމަށް މާބޮޑަށް ލަސްވެއްޖެކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ.

މިއީ މުޖުތަމައުގައި އޮތް ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ގޮތަށް ރޭވިފައި އޮތް މަޝްރޫއުއެއް. މި ކޮންސެޕްޓް އެކުލަވާލެވުނު އިރުވެސް މި މަސައްކަތް އޮތީ ލަސްވެފައި. މިއަދު އަދި މިކަން ކުރުމަށް މާ ލަސްވެއްޖެ.
 ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 

ހޯޕް އައިލެންޑް ޕްރޮޖެކްޓަކީ މިދިޔަ ޖެނުއަރީ
މަހު އަމަލީ މަސައްކަތް ފަށާނެކަމަށް ވަޒީރު އިހުސާން ވިދާޅުވެފައިވާ
ޕްރޮޖެކްޓެކެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް މި މަސައްކަތް ފަށާފައިނުވާތީ ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ.