ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ
މޫނުމަތި ރީތިކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް ނުވަތަ ޕީއާރް މަސައްކަތް ކޮށްދޭނެ
ބަޔަކު ހޯދަން އިއުލާނުކުރުމަކީ، ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތައް ފޮރުވަން
ކުރާ މަސައްކަތެއް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން
ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އިހުސާން ވަނީ ސަރުކާރުން މިހާތަނަށް ގެންގުޅެފައިވާ ބައެއް ސިޔާސަތުތަކަށް ވަރަށް
ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިހުސާން ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީގެ މޫނުމަތި
ރީތިކުރަން ބަޔަކު ހޯދަން އިއުލާނުކުރި ޚަބަރު ފެނުމާއެކު، ފުރަތަމަވެސް ހިތަށް އެރީ
މި ސަރުކާރުން ގެންގުޅޭ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން
ޅެމުން ބަލިތަކަށް ފަރުވާ ދިނުން ފަދަ ސަރުކާރުން އަލަށް އިއުލާނުކުރި ބައެއް ސިޔާސަތުތަކަކީ
އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި އިއުލާނުކޮށްފައިވާ
ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ވާހަކަ ޚަބަރުތަކުން ފެނުމާއެކު ހިތަށް އެރީ ސަރުކާރުން ގެންގުޅޭ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ވާހަކަ، މިސާލަކަށް ޅެމުން ފަރުވާ ދިނުން ފަދަ ސަރުކާރުން އަލަށް އިއުލާނު ކުރި ބައެއް ސިޔާސަތުތަކަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތް، އަދި ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި އިއުލާނުކުރި ސިޔާސަތުތަކެއް.
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

މިފަދަ ހަމަނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން މުޅި
މިނިސްޓްރީގެ އަގު ވެއްޓި، މޫނުމަތި ހަޑިވެގެން ގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި މިހާރު ސަރުކާރުން އެ ކުރާ މަސައްކަތަކީ އެކަންކަން ރަނގަޅުކޮށް، އާންމުންގެ މެދުގައި
އޮތް ނުބައި ތަސައްވުރު ބަދަލުކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް، ކިތަންމެ ރީތި ފައުންޑޭޝަނެއް ލީ ނަމަވެސް،
އޭގެ މައްޗަށް ކުރެވޭ އިމާރާތަކީވެސް އެފަދަ ރީތި ތަނަކަށް ވާންޖެހޭނެ ކަމަށް އޭނާ
ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާނުކުރި އެއްވެސް
ސިޔާސަތަކުން ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތް ކަމަށްވެސް އިހުސާން ވިދާޅުވި
އެވެ. އޭގެ ބަދަލުގައި ދިވެހި ސަގާފަތާއި، ބަހާއި، އަދި ތަރިކައަށްވެސް މި ސަރުކާރުން
މިހާތަނަށް ދީފައިވަނީ ބޮޑެތި ގެއްލުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިހުސާންގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ހަރުދަނާ
ކަމެއް ނެތް ސިޔާސަތުތަކެއް ރީތިކުރަން ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ޕީއާރް މަސައްކަތް
ކުރި ނަމަވެސް، ދެން އެކަން ރީތި ނުކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރި
ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.