ސްރީލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުން ބަޑިޖަހައި މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ 23 އަހަރުގެ ޒުވާނަކު ދިވެހިރާއްޖެއިން އަނބުރާ ލަންކާއަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ކަޓުނަޔަކަ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އެ މީހާ އައުމާއެކު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ތަހުގީގުތަކަށް އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޜަނާ ހަވާލުކޮށްފަ އެވެ.
ލަންކާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެތްކަންދުރާއަށް ނިސްބަތްވާ މި މީހާ ހޯދަމުންދިޔައީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޜަންގެ އަކުރެގޮޑާގައި ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް އަމާޒުކޮށް ބަޑިޖަހައި މަރާލި މައްސަލައާ ގުޅިގެންނެވެ. އޭނާ އެއާޕޯޓަށް އައުމާއެކު ދެނެގަނެ ހައްޔަރުކުރުމަށްޓަކައި، އެއާޕޯޓުގެ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ސިސްޓަމަށް އޭނާގެ މައުލޫމާތު ކުރިން އޮތީ ހިމަނާފަ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގަވާއިދާ ހިލާފު މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ބައްދެގަމާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ހެރޮއިން ގެންގުޅުނު މައްސަލައެއްގައި އެމްބިލިޕިޓިޔާ ފުލުހުންވެސް އޭނާ ހައްޔަރުކުރި އެވެ. މި ދެ ފަހަރުވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ޖޫރިމަނާކޮށްފަ އެވެ.
މި މައްސަލައިގެ އިތުރު ތަހުގީގުތައް ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޜަނުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.