ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައިގައި ސުވާލު ކުރުމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި ކުރިން ހިމަނާފައި ވަނީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ ބަހުސްގެ މަސައްކަތް އެކަންޏެވެ.

އެހެން ނަމަވެސް ފަހުން އެޖެންޑާ އަށް ބަދަލެއް ވަނީ ގެނަސްފަ އެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދް އާ ކުރައްވާ ސުވާލު ވަނީ އެޖެންޑާގައި ހިމަނާފަ އެވެ. 

މެންބަރުގެ ސުވާލުގައި ވަނީ އޮންލައިންކޮށް ޚިދުމަތްތައް ދިނުމުގެ ބޭނުމަކީ ކޮންމެ ތާކު ހުރެގެން ވެސް ކޮންމެ ވަގުތަކު ވެސް ޚިދުމަތް ހޯދަން ފަސޭހަ ކޮށްދިނުން ކަން ފާހަގަ ކުރައްވާފަ އެވެ. އެހެން ނަމަވެސް ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ޕޯޓަލް އިން ވެސް ނުލިބޭ ކަމަށާ، އެއީ ކީއްވެގެން ތޯ އަދި އެ މައްސަލަ ހައްލުވާނެ ދުވަހަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

އޭގެ އިތުރުން ހޯމަ ދުވަހުގެ އެޖެންޑާ އަށް ވަނީ މަޖިލީހުގެ ރައީސް ގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށް ވެސް ހިމަނާފަ އެވެ. 

ދެން އެޖެންޑާގައި ހިމެނިފައިވާ މަސައްކަތަކީ ގައްދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށަހެޅުއްވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި، އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙުމާނު ހުށަހެޅުއްވި ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލީހުގެ އެކި ކޮމިޓީތަކުގައި އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުރިކަން ފާހަގަކުރެވެ އެވެ. އެ މަސައްކަތްތައް ކުރިއަށް ނުގެންދާ އިރު، އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް އަވަސް ޙައްލު ބޭނުންވާ އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މުހިއްމު ކަންކަމެވެ.

މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ބަދަލުގައި މުޅިންވެސް ފެންނަނީ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް މާ ބޮޑު ދިރާސާއެއް ނުކޮށް ހުށަހަޅާ ބިލުތަކުގެ މަސައްކަތް އެކަނި ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި، ދިރިއުޅުމުގެ ހަރަދު އުފުލުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.