އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން އެއްވެސް މަންދޫބަކު ބައިވެރިނުވާކަން މި ނޫހަށް ކަށަވަރުވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ކަށަވަރު ކޮށްދިން ގޮތުގައި، އެތައް މިލިއަން މީހުން ބައިވެރިވި އަދި ދުނިޔޭގެ އެތައް ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވި އެ ޖަނާޒާ ގައި ރާއްޖެ އިން މަންދޫބަކު ފޮނުވާފަ އެއް ނުވެ އެވެ.

އަނެއްކޮޅުން އަވަހާރަކޮށްލެވުނު އިސްލާމިކް ރިޕަބްލިކް އޮފް އީރާން ގެ އެންމެ މަތީވެރިޔާގެ ޖަނާޒާ އަށް ދިވެހި ސަރުކާރުން އީރާނު ސަރުކާރުން ދައުވަތު ފޮނުވާ ދިވެހި ސަރުކާރުން އެ ދައުވަތު ބަލައިގަތްކަން އީރާނު ސަރުކާރަށް އޮތީ އަންގާފަ އެވެ.

ހޮނިހިރު ދުވަހު، މިކަމާ ބެހޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ރާއްޖެ ޓީވީން ސުވާލު ކުރުމުން ވިދާޅުވީ، ޖަނާޒާ ގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނު ކަމަށެވެ. 

"ދައުވަތު ލިބުނު، ގަބޫލު ކޮށްފައިވާނީ،" މުންދު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް މުންދު އަށް ވިދާޅު ނުވެވުނުކަން ފާހަގަ ކުރެވެ އެވެ.

އެއީ ކޮން ބޭފުޅެއްތޯ ދެންނެވުމުން، މުންދު ވިދާޅުވީ، "އެ ސަރަހައްދުގައި ހަތަރު އެމްބަސީ ހުންނާނެ" ކަމަށާއި "ބައިވެރިވާނީ އެތަނުން ބޭފުޅަކު،" ކަމަށެވެ.

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގެ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ތެރޭގައި ތުރުކުމެނިސްތާނުގެ ޕީޕަލްސް ކައުންސިލްގެ ރައީސް ގުރުބަންގުލީ ބަރްދީ މުހައްމަދޯވް، އިރާގުގެ ރައީސް ނިޒާރު އާމިދީ، އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިނިއަން، ތަޖިކިސްތާނުގެ ރައީސް އިމޯމަލީ ރަހްމާން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އިރާގު، އަޒަރުބައިޖާން، ބަންގްލަދޭޝް، އުޒްބެކިސްތާން، ބެލަރޫސް އަދި ކިރިގިސްތާނުގެ މަޖިލިސް ރައީސުންނާއި، ނިކަރާގުއާ، ކޮންގޯ އަދި ބުރުކީނާ ފާސޯގެ ޚާރިޖީ ވަޒީރުންނާއި، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ މަޖިލިސް ރައީސް ވެސް ވަނީ ޖަނާޒާ ގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

މީގެ އިތުރުން ތުރުކީގެ ނައިބު ރައީސް، ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ކަޒަކިސްތާނުގެ ޚާރިޖީ ވަޒީރު، ލުބުނާނުގެ ޑިފެންސް މިނިސްޓަރު، ޕާކިސްތާނުގެ ސެނެޓްގެ ރައީސް، ކިއުބާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ނެމީބިއާގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު، ގަތަރުގެ ޝޫރާ ކައުންސިލްގެ ރައީސް، ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ނައިބު ރައީސް، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް، އަދި ސާބިއާ، މިޔަންމާ، މެލޭޝިއާ، ޓެންޒޭނިއާ އަދި ތައިލެންޑްގެ ހާއްސަ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އީރާނުގެ ޚާރިޖިއްޔާ އިން ހާމަ ކޮށްފައިވެ އެވެ.

އީރާނުގެ ރަސްމީ މީޑިއާ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބަންގްލަދޭޝް، ސްރީ ލަންކާ،  ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާ އިން ވެސް ވަނީ ޖަނާޒާގެ ރަސްމިއްޔާތުގައި މަންދޫބުން ބައިވެރިކޮށްފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން މަތީ ފަންތީގެ ވަފުދުތައް ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މަދުވެގެން އަށް ގައުމެއްގެ އިސްވެރިން (ރައީސުން ނުވަތަ ބޮޑުވަޒީރުން) އަދި 12 ގައުމެއްގެ މަޖިލިސް ރައީސުން ހިމެނިވަޑައިގަންނަވަ އެވެ. އެހެން ގައުމުތަކުން ބައިވެރިވަނީ ޚާރިޖީ ވަޒީރުން ނުވަތަ ހާއްސަ މަންދޫބުންގެ ފެންވަރުގަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް 100 އެއްހާ ގައުމުން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ރަސްމީ ވަފުދުތަކާއި މަޖިލިސް މެންބަރުން ބައިވެރިވި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށް ރަސްމީކޮށް ތާއީދުކުރި ޔޫރަޕްގެ ގައުމުތަކަށް ދައުވަތު ދީފައިނުވާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ.

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ މަންދޫބުންގެ ތެރޭގައި ރާއްޖެ އިން ބައިވެރިވާ މަންދޫބެއްގެ ވާހަކަ އީރާނުގެ ސަރުކާރުން ވެސް އަދި އީރާނުގެ ރަސްމީ މީޑިއާ އަކުން ވިޔަސް ފާހަގަ ކޮށްފަ އެއް ނުވެ އެވެ.

އިސްލާމީ ގައުމެއްގެ އެންމެ މަތީވެރިޔަކު އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވުމަށް ދައުވަތު ލިބި އަދި އެ ދައުވަތު ގަބޫލު ކުރުމަށްފަހު އެ ރަސްމިއްޔާތުގައި ބައިވެރިނުވުން އެއީ ކޮންކަހަލަ ކަމެއްތޯ މި ނޫހުގެ ފަރާތުން ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކާ ސުވާލު ކުރުމުން ވިދާޅުވީ، އެއީ ޖުމްލަ ގޮތެއްގައި ބޭރު ދުނިޔޭގެ ކުރިމަތީގައި އަދި ވަކިން ޚާއްސަ ކޮށް ދައުވަތު ދިން ގައުމުގެ ކުރިމަތީގައި ރާއްޖޭގެ ގަދަރު ކުޑަވެގެން ދާނެ ކަމެއް ކަމުގަ އެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވީ، ގަބޫލު ކުރެވޭ ގޮތުގައި، އެ ރަސްމިއްޔާތައް ރާއްޖެ އިން ނުދިޔައީ ކޮންމެވެސް އެހެން ބޭރުގެ ގައުމެއްގެ ނުފޫޒުގައި ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެ އަކީ ކުޑަ ގައުމެއްގެ ގޮތުގައި ދެކޭ ބައެއް ނުފޫޒު ގަދަ ގައުމުތަކުން އެ ފަދަ ކަންކަމަަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމީ ހަގީގަތެއް ކަމުގަ އެވެ.

"ބައްލަވާ ކުރިން އީރާނާ ގުޅުން ކަނޑާލި ގޮތް، ކުއްލި އަކަށް އޭރުގެ ޕީޕީއެމް ސަރުކާރުން ބަޔާނެއް ނެރުނުތަން ފެނުނީ، އީރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފީމޭ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރުން، ރާއްޖެ އާއި އީރާނާ އެކު އޮތް ގުޅުން 2016 ވަނަ އަހަރުގެ މެއި މަހު ކަނޑާލާފައި އޮއްވައި އަލުން ގުޅުން ގާއިމު ކުރީ އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ.

ރާއްޖެ އާއި އީރާނާ ދެމެދު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 2 ޖޫން 1975 ވަނަ އަހަރު އެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަ ކޮށްލުމާ ގުޅިގެން، އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔަކު އަވަހާރަވުމުން ރާއްޖެއިން ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުގައިވާ އެއްވެސް ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އެންމެ ކުޑަމިނުން އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ކިޔާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ މެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ދިން ހަމަލާ އެއްގަ އެވެ.