މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއް ހޯދަން އިއުލާން ކޮށްފި އެވެ. 

އާދިއްތަ ދުވަހު އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ޚިދުމަތް ބޭނުންވާ ކަމަށެވެ. އަދި އެ ފާމުގެ ޚިދުމަތް ބޭނުންވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން މިނިސްޓްރީއިން ވަނީ 14 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 11:30ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ. 

ޕީއާރްގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޕްރޮގްރާމްތަކާއި އިވެންޓުތަކާއި ކެމްޕޭނުތަކާއި ކޮމިޓީތަކަށް ވެސް ޕީއާރު މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. 

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ރާއްޖެއާއި ބޭރުގެ މީޑިއާތަކާ ގުޅުން ބަދަހިކުރަން ޖެހޭ ކަަމަށެވެ. އަދި އަހަރީ ރިޕޯޓުތައް ތައްޔާރުކޮށް، ސޯޝަލް މީޑިއާ އެކައުންޓުތައް ހިންގުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި މައުލޫމާތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއް ހޯދަން އިއުލާން ކުރިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު މައްޗަށް ގޮސް އިގްތިސާދުގެ ކުރިއެރުން ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާނެ ކަމަށް ބެލޭތީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ ކަންކަން އިސްލާހު ކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.