މިހާތަނަށް އެއްވެސް ޚިދުމަތެއް ނުދެވޭ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަރޫނީ އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ކަށަވަރުކޮށްދިން ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ކޮށްފައިނުވެ އެވެ.

އަރޫނީ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސަރވިސް ތަޖުރިބާކާރެކެވެ. އަރޫނީ އަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި ބޭންކުގެ އިސްބޭފުޅުން އިސްތިއުފާ ދެއްވާއިރު، މި ބޭންކު ހުޅުވީ 16 ނޮވެމްބަރު 2024 ގަ އެވެ.

މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެއް ކަމަށް ސަރުކާރުން ބުނެ އެވެ. މި ބޭންކްގެ ޚިދުމަތް ފެށުމުން، އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. 

ނަމަވެސް ބޭންކު އުފެއްދިފަހުން މިހާތަނަށް އެ ބޭންކުން އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް ލިބިފައިނުވެ އެވެ. އަދި ލޯނެއް ދޫ ކޮށްފައިނުވެ އެވެ. އެއާ ޚިލާފަށް ބޭންކުގެ ހިންގުމުގެ ޚަރަދުތަކަށް ބޮޑު އެއްޗެއް މިހާރުވެސް ހޭދަވަމުންދާ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ ފެތުރިފަ އެވެ.