ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ނާގާބިލް  ސަރުކާރެއް ކަމަށާ، ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވެސް އަދި ޑޮލަރު ހޯދުމުގެ ގާބިލު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ބޭންކެއްގައި، ޚާއްސަކޮށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ގައި އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށެވެ. ބޭރު ފައިސާ ނެތިގެން މިއަދު އެތައް ރައްޔިތުންނެއް ތިބީ ނުހަނު ބޮޑު ކަންބޮޑުވުމެއްގައި ކަމަށާ ވިޔަފާރިވެރިން ވެސް ތިބީ ނުތަނަވަސް ކަމެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ބޭންކް އޮފް މޯލްޑިވްސްގަ ހަމަ ނެތީ އިނގޭތޯ ފައިސާ. ޑޮލަރު. ބޭރު ފައިސާ. ނެތިގެން ވަރަށް ވަރަށް ކަންބޮޑުވެފަ ވަރަށް ގިނަ ރައްޔިތުން ތިބީ. އަދި ޚާއްސަކޮށް އިލްމީ ގޮތުން މިކަންކަމާ ގުޅޭ ގޮތުން ކަންކަން ދިރާސާ ކޮށް ބަލައި، ހަދާ ބޭފުޅުން، އެ ބޭފުޅުންނަށް ރަތް ބޮކި ދިއްލިފަ މިހާރު ވަނީ. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ވެސް ތަކުރާރު ކުރަން ސަރުކާރުން މޭޒު ދަށަށް އަންނަން އެބަ ޖެހެއޭ. މި ސަރުކާރަށް އެއްވެސް ޑޮލަރެއް، ބޭރު ފައިސާ އެއް ބޭރަކުން ނުގެނެވުނު. ހަމަ އެއްވެސް ޑޮލަރެއް. ބޮންޑެއް ވިއްކައިގެން ވެސް ޑޮލަރެއް ނުހޯދުނު. ލުއި ލޯނެއް ނަގައިގެން ވެސް ޑޮލަރެއް ނުހޯދުނު. އަދި އެހެން ކަމެއް ކޮށްގެން ވެސް އިތުރަކަށް ޑޮލަރެއް ނުހޯދުނު. 
 އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިކަމުން ރާއްޖެ އަށް ލިބެމުން އައި ޑޮލަރުގެ އާމްދަނީ ވެސް އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހުރިހާ ކަމަކުން ވެސް ހާމަވެގެން ދަނީ މި ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރު ގާބިލް ނޫން ކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވެސް އަދި ޑޮލަރު ހޯދުމުގެ ގާބިލު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

މިއަދު ބައެއް ފަރާތްތަކުން ޑޮލަރުގެ އަގު 21 ރުފިޔާ އަށް އުފުލޭނެ ކަމަށް ބުނަމުންދާ ކަމަށާ، އެ އަދަދު 23 ރުފިޔާ އަށް ވެސް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެންމެ ފަހުން ގައުމުގެ ހާލަތު ދާނީ ޑޮލަރު ނުލިބޭ ހިސާބަށް ކަމަށާ އަމިއްލަ ފަރާތްތަކުން ބޭންކުގަ ބަހައްޓާފަ ހުރި ޑޮލަރު ވެސް ފަސޭހައިން ނުނެގޭނެ ގޮތަށް ކަންތައްތައް ދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީ އިން އަބަދުވެސް ސަރުކާރަށް، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.