ކުރީގެ ރައީސުން
ބައިވެރިވެވަޑައިގަންނަވާ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި އެ ބޭފުޅުންނަށް
އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު
އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން
އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް
މުޙައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަން
ކުޑަވާ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އަދި ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭނީވެސް
ސިޔާސީ އެއްވުންތަކުގެ ތެރެއިންކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް
ނަޝީދު އިތުރަށް ވިދާޅުވީ، ބޭރުގެ އެކި ޤައުމުތަކުގެ ތާރީޚަށް ބަލާއިރުވެސް، ސިޔާސީ
އިސް ބޭފުޅުންނަށް އަމާޒުކޮށް ދީފައިވާ ގިނަ ޙަމަލާތަކަކީ އެފަދަ އެއްވުންތަކާއި މުޒާހަރާތަކުގެ
ތެރެއިން ދީފައިވާ ޙަމަލާތައް ކަމަށެވެ. އެހެންކަމުން، އެފަދަ ވަގުތުތަކުގައި ސެކިއުރިޓީ
ކަނޑާލުމަކީ އެ ބޭފުޅުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ނިންމުމެއް ކަމަށް އެމްޑީޕީން
ދެކެ އެވެ.
ބޭރު ޤައުމުތަކަށް ބަލާލިނަމަވެސް ފެންނަން އޮތީ އެ މަންޒަރު، އެގޮތުން ސިޔާސީ އެކި ބޭފުޅުންނަށް ދެވިފައިވާ ޙަމަލާތަކަށް ބަލާއިރު، އެންމެ ގިނަ ޙަމަލާތައް އަމާޒުކޮށްފައިވަނީ ސިޔާސީ އެކި އެއްވުންތަކުގެ ތެރެއިން، ވީމާ އެކަމާ އެމްޑީޕީން ނުހަނު ކަންބޮޑުވަން.އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ
މަޖިލީހުގެ 241 ކޮމިޓީން މި އުސޫލަށް ބަދަލު ގެންނަން ނިންމާފައިވަނީ އެ ކޮމިޓީން
ބޭއްވި ސިއްރު ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މި ނިންމުމަކީ
ސިޔާސީ ބޭނުމެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް އެމްޑީޕީން ދަނީ
ބުނަމުންނެވެ.