ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ
މަސައްކަތް އެކަނި ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ
ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ. މި ޖަލްސާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ
ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ ބަހުސްގެ މަސައްކަތް އެކަންޏެވެ.

އެޖެންޑާގައި ހިމެނިފައިވާ މަސައްކަތަކީ ގައްދޫ
ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށަހެޅުއްވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި،
އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙުމާނު ހުށަހެޅުއްވި ޑިޖިޓަލް
އައިޑެންޓިޓީ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލީހުގެ އެކި ކޮމިޓީތަކުގައި އިދިކޮޅު އެމްޑީޕީން
ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުރިކަން ފާހަގަކުރެވެ އެވެ. އެ މަސައްކަތްތައް
ކުރިއަށް ނުގެންދާ އިރު، އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް އަވަސް ޙައްލު
ބޭނުންވާ އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މުހިއްމު ކަންކަމެވެ.

މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ރައްޔިތުންގެ
ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ބަދަލުގައި މުޅިންވެސް ފެންނަނީ ސަރުކާރުގެ މޫނުމަތި
ރީތިކުރުމަށް މާ ބޮޑު ދިރާސާއެއް ނުކޮށް ހުށަހަޅާ ބިލުތަކުގެ މަސައްކަތް އެކަނި ކަމަށް
ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި
ފުނިޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ
ދަތިތަކާއި، ދިރިއުޅުމުގެ ހަރަދު އުފުލުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައްސަލަތައް
ހިމެނެ އެވެ.