ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް ކަމަށާއި، އެތަން މަރާމާތު ކުރި ކަމަށް އެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވެއްޖެ އެވެ. 

ނާޒިމް މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މިނިސްޓަރު ހީނާ ވިދާޅުވީ މިހާތަނަށް ގައުމީ ދާރުލްއާސާރުގައި ބޮޑު މަރާމާތެއް ކުރެވިފައި ނުވާ ކަމަށާއި އޭގެ ސަބަބުން ދާރުލް އާސާރު މިހާރު ވަރަށް ބޮޑަށް މަރާމާތްކުރަން ޖެހިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ގުޅުމުން، ނާޒިމް ވިދާޅުވީ ދާރުލް އާސާރު މަރާމަތު ނުކުރާކަން ފާހަގަކޮށް މިނިސްޓަރު ހީނާ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވިއިރު، އެތަނަކީ ވާރޭ ވެހޭތަނެއް ކަމަށާއި، އެތަން ވަރަށް ގިނަ ދުވަހަށް ބަންދުކޮށް މާރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

އަޅުގަނޑުމެން ދިޔައިރުގައި ދާރުލްއާސާރަކީ ވާރޭވެހޭ ތަނެއް އެނގޭތޯ. ވާރޭ ވެހޭތަނެއް ފެން ބޮޑުވާތަނެއް. ރިކޯޑުތަކުން ފެންނާނެ މިހާރު ވެސް ދާރުލްއާސާރާ ހަވާލުވެގެން ހުރި މިނިސްޓްރީގެ ސިވިލް ސަރވިސްގެ މުވައްޒަފެއް އާދަމް ނަސީރު. އެހެންނަމަވެސް މިސަރުކާރުގައި އާދަމް ނަސީރަކީ ޑެޕިއުޓީ މިނިސްޓަރެއް. ދިއްދޫ އާދަމް ނަސީރު މިދަންނަވަނީ. ދިއްދޫ އާދަމް ނަސީރަކީ މިއުޒިއަމްގެ ތަކެއްޗާއި ހުރިހާ ކަމަކާ ސިވިލް ސަރވިސް ސައިޑުން ހަވާލުވެ އޭރު ހުންނަ ބޭފުޅާ. އެބޭފުޅާ އަށް އެނގިލައްވާނެ އަޅުގަނޑުމެން ކުރި މަސައްކަތް. މިއުޒިއަމްގެ ތެރޭގައި. އަދި އެމަސައްކަތް ކުރެއްވި ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަ ތިބި. 
ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ)

މިނިސްޓަރު ހީނާގެ ވާހަކަތައް ނާޒިމް ދޮގު ކުރެއްވިއިރު، ގައުމީ ދާރުލް އާސާރުގެ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، އިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް މަޖިލީހުގައި މިނިސްޓަރު ހީނާ ވިދާޅުވެފައިވެ އެވެ. 

ރާއްޖޭގެ ގައުމީ ދާރުލް އާސާރުގައި 7،000 އާސާރު ހުރިއިރު، އޭގެތެރޭގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެތި އެބަހުއްޓެވެ. އަދި ދާރުލްއާސާރުގައި އެހައި ގިނަ އާސާރު ހުރި ނަމަވެސް އާސާރުތައް ދަރަޖަކުރާ މިންގަނޑުތަކާއި، މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގޮންޖެހުންތައް އެބަހުރި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ނަމަވެސް ދާރުލް އާސާރު މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.