ހދ. ހަނިމާދޫގައި
ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފުނުވާ
ކަމަށާއި، އެ މަޝްރޫއު ކުރިއަށްދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ބުނެ ހަނިމާދޫ
ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީއަށް
ދެއްވި އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ،
ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ
ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ
ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް
ކަމަށެވެ.
އަލީ އިބްރާހިމް
ވިދާޅުވީ ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމަށާއި، އަލަށް ދޫކުރި 200 ގެވަޅު
ހިމެނޭ ސަރަޙައްދަށް ފެނާއި ނަރުދަމާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާ
ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކުރިން ފަށާފައި ހުރި މުހިއްމު މަޝްރޫއުތައް ވެސް ހުއްޓިފައި ހުރި މަންޒަރު ކަމަށާއި، ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީ
ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކައުންސިލުން
އަބަދުވެސް ބާރުއަޅަމުންދަނީ އަލަށް މަޝްރޫއުތައް ފެށުމުގެ ކުރިން، ފަށާފައި ހުރި މަސައްކަތްތައް
ނިންމުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިރިމަރަދޫ
ރައްޔިތުން އާބާދުކުރުމަށް ޚާއްސަކުރި ބިން އަނބުރާ ސަރުކާރަށް ނަގަނީ ކައުންސިލުން
އެއްބާރުލުން ނުދޭތީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އަލީ އިބްރާހިމް ވިދާޅުވީ،
ކައުންސިލުން އެއްބާރުލުން ނުދޭން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމުގެ މަޝްރޫއަށް ޚާއްސަކުރި ސަރަޙައްދު|ރާއްޖެ އެމްވީ
ނަމަވެސް
އެ ސަރަޙައްދަކީ ކައުންސިލްގެ އިހުތިސާސްގައި އޮތް ތަނަކަށްވާތީ، އެތަނުގައި ހުރި ރުށްގަހުގެ
ބަދަލު ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން އެ ބިން އަނބުރާ ނެގީ
ހިރިމަރަދޫ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، އެތަނުގައި މަސައްކަތްތަކެއް
ހިނގާކަން ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން،
އެ ސަރަޙައްދުގައި ސާރވޭ ހަދަން ކައުންސިލުން އެތައް ފަހަރަކު އެދުމުން އެންމެ ފަހުން
ޕްލޭނަކާއި ޑިޒައިނެއް ހިއްސާކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް، ހިރިމަރަދޫ ރައްޔިތުންނަށް އެތަނުގެ ބޭނުން ހިފޭނީ އަސާސީ ޚިދުމަތްތައް
އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރެވިގެން ކަމަށާއި، އެކަމަށްޓަކައި މިހާރު ހުއްޓިފައި
ހުރި މަޝްރޫއުތައް ނިންމުން ކޮންމެހެން މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހިރިމަރަދޫ
ރައްޔިތުންނާ ހަވާލާދީ އަލީ އިބްރާހިމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް
ބަދަލުވާއިރު ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށްވެސް ސާފުނުވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް
ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއްވެސް އެ ރައްޔިތުންނަށް ނޭނގޭ ކަމަށް
އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ ހިރިމަރަދޫ ރައްޔިތުންނަކަށް ނޭނގޭ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެއެއްކަމެއް، އެތަނުގެ ރަޖިސްޓްރީ އޮތްކަމެއް ނެތްކަމެއް، އަޅުގަނޑު ހުންނާނެ ހިރިމަރަދޫއަށް ގޮސް ލިސްޓުވެސް ހޯދާފައި،ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް
ހަނިމާދޫ
ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ހިރިމަރަދޫ ރައްޔިތުންގެ ހައްގުގައި ކަމަށާއި،
އެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ލިބޭތޯ ކަށަވަރު ކުރާނެ ކަމަށްވެސް
އަލީ އިބްރާހިމް ވިދާޅުވި އެވެ.