އުސްގެކޮޅު ސަލާމަތް ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް ކުރީ ސަރުކާރުން މާ ބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ގުޅުމުން ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވީ ކުރީ ސަރުކާރުގައި އާސާރީ ސަގާފީ ތަރިކަ ހިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
އުސްގެކޮޅަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އުސްގެކޮޅުގައި ސައިހޮޓަލެއް ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، ބަދަލު ދިނުމަށްފަހު އެތަން ސަރުކާރަށް ނެގީ އާސާރީ ބިނާއެއް ގެއްލެން ބޭނުން ނުވާތީ ކަމަށެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އުސްގެކޮޅު ހުންނަނީ ބްލޫ ބޭ ކިޔާ ކުންފުންޏަކާ ސައިހޮޓަލެއް ހިންގަން ކުއްޔަށް ދީފައި. ސައި ހޮޓަލެއް ހަދަން. ކުއްޔަށް ދީފައި. ދެން އަޅުގަނޑުމެން ދިޔަ ގޮތަށް އެކަން ހުއްޓުވީ. ހުސްގެކޮޅުގައި އެކަން ކުރިއަށް ނުދޭން. ދެން އަޅުގަނޑުމެން އޭރުގައި ސަރުކާރަށް ދަންނަވާގެން އެ ބަދަލުދީ އެތަން މިނިވަންކޮށްފައި ހުންނާނީ. ރައީސް ޔާމީން ސައި ހޮޓަލަކަށް ކުއްޔަށް ދީފައި ހުރިތަނެއް އެއީ އަޅުގަނޑުމެން އެތަން ސަލާމަތް ކުރީ.ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ)
ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާގެ ނަމުަގައި އެތަނުގައި ޕްލާޒާއެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމިއްޔާއާ ހަވާލުކުރި އެވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އާކްއާ ހަވާލުކުރި އެ މަސައްކަތް ކާމިޔާބުނުވެ، ޔާމީނުގެ ސަރުކާރު ނިމުނު އިރު އުސްގެކޮޅު ހަވާލުކޮށްފައި އޮތީ ރެސްޓޯރެންޓް ހިންގާ ކުންފުންޏަކާ އެވެ. އުސްގެކޮޅު އެ ކުންފުންޏަށް ކުއްޔަށް ދީފައިވަނީ ޑިޖިޓަލް ލައިބްރަރީއަކާ އެކު ކެފޭއެއް ހިންގުމަށެވެ. އެ ކުންފުންޏަށް އެތަން ދީފައިވަނީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގަ އެވެ.
ނަމަވެސް އުސްގެކޮޅަކީ ރާއްޖޭގައި ކުރިން އޮތް ވިރާސީ ރަސްކަމުގެ ފަހުކޮޅުގައި ޝާހީ އާއިލާ ދިރިއުޅުއްވި "ބޮޑުގަނޑުވަރު" ގެ ބައެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ބޮޑުގަނޑުވަރު ރޫޅާލިއިރު ސަލާމަތުން ދޫކޮށްފައި ހުރި ހަމަ އެކަނި ބަޔަކީ އުސްގެކޮޅެވެ.
އެހެންކަމުން މިގެކޮޅު ހިމާޔަތް ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވައި އެ އެއްބަސްވުން އުވާލެއްވި އެވެ. އަދި މިސަރުކާރުން 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ހަދަން ނިންމާފައިވާކަން އިއުލާން ކުރި އެވެ. ނަމަވެސް މިހާތަނަށް މިމަޝްރޫއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.