މާލޭގައި ހުންނަ ހުކުރު މިސްކިތު މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ރަނގަޅު ކޮލެޓީ އުވަ ނުލިބިގެން ކަމަށް  މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވި ނަމަވެސް އެއީ ދޮގެއްކަން ހާމަވެއްޖެ އެވެ. 

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ހުކުރު މިސްކިތުގެ މުންނާރުގައި އުވާލުމާއި ފަރުވާ ދިނުން އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ކަމަށާއި މިކަމުގައި މޫސުމީ ގޮންޖެހުންތައްވެސް ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯޯދުން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިނިސްޓްރީގައި މަސައްކަތް ކުރެއްވި، ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) އަށް ގުޅުމުން ވިދާޅުވީ މުންނާރު މަރާމާތު ކުރުމަށް އުވަ ލިބޭނެ ކަމަށާއި، އެއީ ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި މިހާރު ވެސް އެކަޑަމީ ގުދަނުގައި 2،000 ބަސްތާ އުވަ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ ސަރުކާރު ބަދަލުވެގެން ދިޔައިރު ވެސް 4 ޓައްޕު އުވަ ހުންނާނެ ކަމަށެވެ. 

އިތުރު ފުޅެއް އެ ހެއްދެވީ. އެބޭފުޅުން ކޮންމެ ބޭފުޅަކު ވެސް ހެރިޓޭޖް މިނިސްޓްރީއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް މަޖިލީހުގައި އިތުރުފުޅު ހައްދަވަނީ. އެކަން އެބަ ފާހަގަކުރެވޭ. މިހާރު މި މިިނިސްޓަރު ވެސް އިތުރުފުޅެއް އެ ހެއްދެވީ. އަޅުގަނޑުމެންގެ ދައުރުގައި ތިން ބުރަށް އަޅުގަނޑުމެން މުންނާރުގައި އުވަލިން. އެއީ ރާއްޖޭގެ އުވަ. އުތުރުގެ ރަށްތަކުން އުވަ ލިބޭނެ. އުވަކަން ސާބިތު ކޮށްދެވޭނެ އެކަން ކުރީ ސްޓެލްކޯއިން. ސްޓެލްކޯއިން އެ މަސައްކަތް ކުރީ. ސްޓެލްކޯގެ މުވައްޒަފުންނަށް އެކަން އެނގޭނެ. 
މުހައްމަދު ނާޒިމް

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް މިސަރުކާރުން ނުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ހުކުރު މިސްކިތު މުންނާރު އަވަސް އަވަހަށް ސާފުކުރަންޖެހެނީ މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައިވާ ބިނާއެއްކަމުގައިވާއިރު، އުވައަކީ ހިކުމަށް ގިނަ ވަގުތު ބޭނުންވާ އެއްޗެއްކަމުގައިވެފައި، ރާއްޖެއަށް ކުރާ ވިއްސާރައިގެ ސަބަބުން މި ފުރުސަތު ނުލިބުމުގެ ސަބަބުން މުންނާރުގައި ފެހިޖަހާގޮތް މެދުވެރިވާތީ އެވެ. މިކަން ހައްލުކުރުމަށް މުންނާރު ދޮވެ ސާފުކުރުމުގެ ހަރަކާތް މެދުކެނޑުމެއް ނެތި ކުރަން ޖެހެ އެވެ.

ނަމަވެސް މިމަސައްކަތް ނުކުރާތީ ވަރަށް ބޮޑަށް ފެހިޖަހައި ދެ ބިނާ ވެސް ވަރަށް ބޮޑަށް ހަޑިވެފައި ހުންނަކަން ފާހަގަކުރެވެ އެވެ.