ލ. މާވަށު،
މޫސާ އިބްރާހީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު
އިބްރާހީމްއަށް މާފު ދެވެން ނެތްކަމަށް މޫސަގެ ވާރިސުން ކޯޓުގައި ބުނެފި އެވެ.

އޭނާގެ
މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން
ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ
އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.

ދެވަނަ
ދައުވާއަކީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން
ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 6
މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެކެވެ. ނަމަވެސް މަރުގެ
މައްސަލަ ސާބިތުވެއްޖެނަމަ މި ދައުވާއަށް އަދަބު ކަނޑައެޅުމުގެ މަސްލަޙަތެއް
ނޯންނާނެއެވެ.

މި
މައްސަލައިގައި އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި އޭނާގެ އޮތީ އެންމެ
އެދުމެއް ކަމަށާއި، އެއީ ވާރިސުން އޭނާއަށް ލުއި ގޮތެއް ހަދައިދިނުންކަމަށް ވަނީ ބުނެފައެވެ.

އާދިއްތަ
ދުވަހުގެ މި އަޑުއެހުމުގައި އޮތީ ވާރިސުންގެ ބަސް ނެގުމެވެ. އެގޮތުން މި އަޑުއެހުމުގައި
މޫސަގެ ބައްޕައާއި މަންމަ ވާރިސުންގެ ގޮތުގައި ވަނީ ހާޒިރުވެފައެވެ. އަދި ދައުލަތުން
ވަނީ ޤިސާސް ހިފުމާއި މާފު ދިނުމާ ގުޅޭގޮތުން ދީނުގައި އޮންނަ ކަންކަން ސާފުކޮށްދީފައެވެ.

އެ ދެމީހުންވެސް
ބުނީ މާފު ދެވެން ނެތްކަމަށާއި، އެމީހުން ބޭނުންވަނީ މަރަށް މަރު ހިފަންކަމަށެވެ.

އަޅުގަނޑު މާފެއް ނުދެން، ދޭކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރަށް މަރު ހިފަން، އަޅުގަނޑުގެ ދަރިފުޅުވެސް ނިމިދިޔައީ
މޫސަގެ ވާރިސުންގެ ބަސް

ކްރިމިނަލް
ކޯޓުގައި މައްސަލަ ބައްލަވަނީ އިސްގާޒީ އާދަމް މުޙައްމަދެވެ.

މިއީ ގަސްތުމަރުގެ
މައްސަލައަކަށްވާތީ، އަދި ޤިސާސް ހިފޭ ބާވަތުގެ މައްސަލައަކަށްވާތީ، ދައުވާލިބޭ މިހާ
އިއުތިރާފުވިނަމަވެސް، ޝަރީއަތުން އެ އިއުތިރާފު ސައްޙަކަން ކަށަވަރު ކުރަންޖެހެއެވެ.
އަދި އެކަމަށްޓަކައި ކޯޓުގެ އިސްނެގުމަށް ހެކިން ހާޒިރު ކުރުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ
ޤާނޫނުން ކޯޓަށް ލިބިދެއެވެ.

އެގޮތުގެ
މަތިން ކޯޓުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް
ނަގާފައެވެ. އެއީ އިއުތިރާފާ އެއްގޮތަށް އެކަން ހިނގާ ދިޔަތޯ އިތުރަށް ކަށަވަރު ކުރުމަށެވެ.

އެ އަޑުއެހުމުގައި
ދައުވާލިބޭ ފަރާތުން ވަނީ އޭނާ މޫސާ މަރާލި ގޮތް ދައްކުވައިދީފައެވެ. އެގޮތުން މޫސާއާ
އެއް އިސްކޮޅެއްގެ މީހަކު ބަހައްޓައިގެން އެ އަޑުއެހުމުގައި ޙާދިސާ ހިނގިކަމަށް ބުނާ
ގޮތް ދައްކުވައިދީފައިވެއެވެ.

އެ ޑޮކްޓަރުވެސް
ވަނީ ވަޅި ހެރީ ގަސްތުގައިކަމަށް ބުރަވެވޭކަމަށް ބުނެފައެވެ. އެގޮތަށް ނިންމުމުގައި
ޒަޚަމްގެ ފުން މިނާއި، ވަޅި ހަރާފައިވާ އޭންގަލް ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވެއެވެ.

މިހާރު
މި މައްސަލަ މިވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައެވެ. އެހެންކަމުން ވަރަށް
އަވަހަށް މި މައްސަލައިގައި ޙުކުމް ކުރައްވާނެކަމަށް ބެލެވެއެވެ.