ވެރިކަމުގެ
މިހާ ކުރީކޮޅު ރައްޔިތުންގެ ތާއީދު މިހާ ބޮޑަށް ގެއްލިގެންދިޔަ ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ
ޙަޔާތުގައިވެސް ފެނިފައިނުވާކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް
އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން
ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ތަޒްމީލް
ވިދާޅުވީ، ރާއްޖޭގެ ސަރުކާރެއްގެ މިހާ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ
ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ހަމައާއި އުސޫލުތައް ގެއްލި، އާންމުންގެ އިތުބާރު
މިހާ ބޮޑަށް ކުޑަވެގެންދިޔަ މަންޒަރެއް މީގެ ކުރިން ތާރީޚުން ފެންނަން ނެތް ކަމަށެވެ.
އަދި މިހާރު ފެންނަމުންދަނީ އާދަޔާ ޚިލާފަށް ރައްޔިތުންނަށް ދޮގުހެދުން އާންމުވެފައިވާ
މަންޒަރު ކަމަށާއި، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ރައްޔިތުންނަށް ބޮޑެތި ވައުދުތައް
ވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ
ހިންގުމުގެ ނިޒާމަށް ފާޑުވިދާޅުވަމުން ތަޒްމީލް ވިދާޅުވީ، ސަރުކާރުގެ ގޯސްތައް ފޮރުވައި
މޫނުމަތި ރީތިކުރުމަށްޓަކައި މިއިން ދުވަހަކު ސަރުކާރަކުން ތަރުޖަމާނުން ބަދަލުނުކުރާ
މިންވަރަށް މި ސަރުކާރުން ތަރުޖަމާނުން ބަދަލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ތަރުޖަމާނުން
ބަދަލުކުރަނީ އެއް ބަޔަކު އަބަދު އެއް ދޮގުތަކެއް ތަކުރާރުކުރަން ތިބުމަކީ އުނދަގޫ
ކަމަކަށްވާނެތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން
ތަޒްމީލް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމިގެންދާނީވެސް ސަރުކާރުގެ އިސްވެރިން އެކި
މަގާމުތަކަށް "ޝަފުލް" ކޮށްކޮށް ތިއްބައި ކަމަށެވެ. އަދި މިއަދު މިއޮތް ސަރުކާރުގެ
މަސައްކަތްތަކަށް ބަލައި ރިޕޯޓެއް ދޭނަމަ، ދޭނީ "ޔޫ" ސެޓެއް ނުވަތަ ފެއިލްވެފައިވާ
ރިޕޯޓެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތަޒްމީލްގެ
ވާހަކަފުޅުގައި ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި އަމަލީ މަސައްކަތާ
ދިމާނުވާކަން ފާހަގަކުރައްވައި، މިހާރުގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.