މި ސަރުކާރުން ރާއްޖެ އަށް ބޭސް ގެންނާނީ ޔޫރަޕުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާ ނަމަވެސް ޔޫރަޕުން ގެނައި ބޭހެއް ކެއި ދިވެހި ރައްޔިތަކު ނެތް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހުރިހާ ކަމެއް ކުރަން އުޅޭ ސަރުކާރެއް ކަމަށެވެ. މިއީ ހެޑްލައިން ހަދަން އުޅޭ ސަރުކާރެއް ކަމަށާ އެހެން ނަމަވެސް ރައްޔިތުންނަށް މިއަދު ކަންކަން އޮޅުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާލުމުން މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ފެނި، ހާމަވެގެން ދާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. 

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފެނުނު ރައީސުލްޖުމްހޫރިއްޔާ ހުޅުވާފަ ހުރި ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާފަ ހުއްޓާ ޚާއްސަކޮށް ނަމެއް އެކަނި ކިޔައި، ނަމެއް އެކަނި ބަދަލު ކޮށްލާފަ، ގްރޭޓަރ ސިޓީ މާލޭ އޭރިޔާގެ ހޮސްޕިޓަލްތަކުގެ ޗެއިން ނަމުގައި ރައީސް ބޮޑު އިވެންޓެއް ބާއްވާ ދަރުމަވަންތަ ހޮސްޕިޓަލް އަލުން ހުޅުވާދެއްވި. ހަމައެއާއެކު ވިދާޅުވީ ތިމަންމަނިކުފާނުގެ ސަރުކާރުގަ ބޭސް ގެންނާނީ ޔޫރަޕުންނޭ. އަޅުގަނޑުމެން އަދި ނުކަން އެ ޔޫރަޕް ޕެނަޑޯލް އެއް. ހަމަ އެއްކަލަ އިންޑިއާގެ ބޭސް އަޅުގަނޑުމެން މި ކަނީ. 
އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު 

މި ސަރުކާރުން އެއްވެސް ކަމެއް ކުރަނީ އިލްމީ ދިރާސާއެއް ވެސް ކުރުމެއް ނެތި ކަމަށާ، ކުރާ އެފަދަ ކަންކަމުން ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. 

ކިތަންމެ ބޮޑު ކުންފުންޏެއް ހަދައި، އެމްޑީ އެއް ލައި، އެތަނަށް މުވައްޒަފުން ލިޔަސް މިއަދުގެ ހަގީގަތަކީ ރައްޔިތުންނަށް ބޭސް ނުލިބޭ ކަން ކަމަށް ތަޒްމީލް ވިދާޅުވި އެވެ. ކޮންމެ ތަނަކަށް ގޮސް ރައްޔިތުންނާ ސުވާލު ކޮށްލިއަސް ލިބޭނީ އެ ޖަވާބު ކަމަށާ ހުރިހާ ރައްޔިތުން ވެސް ކުރަނީ ބޭސް ނުލިބޭތީ އެކަމުގެ ޝަކުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ސަރުކާރަކީ ކަންކަން ރަނގަޅު ކުރަން އައި ސަރުކާރު ކަމަށާ އެހެން ނަމަވެސް އެކަން ކުރަން އައި ސަރުކާރުން މިއަދު އެއަށްވުރެ ދަށް ހާލަތަކަށް ގައުމުގެ ހާލަތު ވައްޓާލުމުން އެވާހަކަ ހުރިހާ ރައްޔިތުން ވެސް ދައްކާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.