ރާއްޖޭގައި
ނުހަނު ރަނގަޅަށް ހިނގަހިނގާ ހުރި ނިޒާމުތައް ޚަރާބުވެ، ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން
ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް
މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މައުރޫފް
ވިދާޅުވީ، ޤައުމެއްގެ ގޮތުގައި ރާއްޖެ ހަލާކުވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ
ހަރުކަށި ސިޔާސަތުތަކާއި، ކަންކަމުގައި ކުއްލި ނިންމުންތައް ނިންމަވާ އުސޫލުގެ ސަބަބުން
ކަމަށެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ރައީސް މުއިއްޒުގެ
"ސިނގު ރުޅި" ކަމަށް މައުރޫފް ވިދާޅުވި އެވެ.
ވަކިން ޚާއްޞަކޮށް
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން ފެށި މަސައްކަތްތަކަށް އިޝާރާތް
ކުރައްވައި މައުރޫފް ވިދާޅުވީ، ރާއްޖޭގައި ދުންފަތުގެ ކަޅު ބާޒާރެއް އުފެއްދީވެސް ސީދާ
ސަރުކާރުން ކަމަށެވެ.
ޤައުމުގައި ނުހަނު ރަނގަޅަށް ހިނގަހިނގާ ހުރި ނިޒާމުތައް ޚަރާބުވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ "ސިނގު ރުޅީގެ" ސަބަބުން، ހަގީގަތުގައި ޤައުމެއް ހަލާކުވެގެން މި ދަނީ ރައީސްގެ މި ދެންނެވި ސިނގު ރުޅީގެ ސަބަބުން،ދުންފަތުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެއްދީވެސް ސަރުކާރުން، އެ ކަޅު ބާޒާރު ފުޅާވެގެން ދިޔައީ ސަރުކާރުން މި ގެނައި ބަދަލުތަކާ ގުޅިގެންރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ސަރުކާރުން
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ގެނައި އެކި ބަދަލުތަކާއެކު ކަޅު ބާޒާރު
އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ،
މިހާރު ސިނގިރޭޓުގެ އަގު ސަރުކާރުން އަލުން ހެޔޮކުރަން ނިންމި ނަމަވެސް، އުފެދިފައިވާ
ކަޅު ބާޒާރު ނައްތައެއް ނުލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޙާލަތު
ކުރިއަށްވުރެވެސް އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
މީގެ އިތުރުން،
ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ
މީހުންގެ އަދަދު މަދުވުމުގެ ބަދަލުގައި، އެ އަދަދު އިތުރަށް ގިނަވެގެންދާނެ ކަމަށް
މައުރޫފް ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް
ބިނާވެފައިވަނީ ދުރު ރާސްތާގެ ޕްލޭނެއްގެ މައްޗަކަށް ނޫނެވެ.
މެމްބަރު
އިތުރަށް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ނިޒާމުތަކަށް ބަދަލު ގެންނަންވާނީ
ވަށާޖެހޭ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ
ޒާތީ ތައައްސަބާއި ކުއްލި ރުޅީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމަމުންދާ މަންޒަރު
ކަމަށް އޭނާ ވިދާޅުވި އެވެ.