ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ދައްކަމުންދާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު ޢާޠިފް ވިދާޅުވީ، ސަރުކާރަކުން ނުވަތަ ކުންފުންޏަކުން ވިޔަސް ހިނގަމުންދާހާ ހިނދަކު ލޯނަކީ އޮންނާނެ އެއްޗެއް ކަމަށާއި، އެއީ ދައްކަންވެސް ޖެހޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ލޯނު ދެއްކުން އެއީ ތަރައްޤީގެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަމައެކަނި ސަރުކާރުން މި ދައްކާ ވަރަށް ވަރުގަދަ ތަރައްޤީގެ ޕްރޮޖެކްޓަކީ ދިވެހިރާއްޖެ ދަރާފައޭ، ދިވެހިރާއްޖެއިން ނަގާފަ ހުރި ލޯނެއް އެބަދައްކަމޭ. އެ ލޯނަކީ ސަރުކާރެއް ވިޔަސް އަދި ކުންފުންޏެއް ވިޔަސް އެ ހިނގަމުން ދާހާ ހިނދަކު އޮންނާނެ އެއްޗެއް، ދައްކަން ވެސް ޖެހޭނެ އެއްޗެއް،
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް

ޢާޠިފް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ލޯނު ޕޭމަންޓް ދެއްކުން ތަރައްޤީގެ ބޮޑު މަޝްރޫޢަކަށް ހަދައިގެން ސަރުކާރުން އުޅެނީ އޮޅުވާލުމެއްގެ ތެރޭގަ އެވެ. އޭނާ ވިދާޅުވީ ގިނަ ފަހަރަށް ފެންނަނީ އެއް ލޯނު ދައްކާފައި، އޭގެ ފަހަތުން އަނެއް ލޯނު ނަގަމުންދާ ތަން ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ބަޖެޓް ފޮތުގައި ރަށްރަށަށް ވަކިވަކިން ޕްރޮޖެކްޓްތައް ހިމަނަން ކެރިވަޑައިގެންފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބަޖެޓުގައި ކަންކަން ހިމަނާފައިވަނީ ބަލްކުކޮށް (ޖުމްލަ އަދަދުތަކެއްގެ ގޮތުގައި) ކަމަށާއި، މި ސަރުކާރުން ހޭދަކުރަމުންދަނީ ހިތުހުރި ގޮތަކަށް ކަމަށްވެސް ޢާޠިފް ވިދާޅުވި އެވެ.

މޭޔަރު ޢާޠިފް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށާއި ދަރަނި ދެއްކުމަށް ސަރުކާރުގެ އިސްވެރިން ބޮޑު އިސްކަމެއް ދެއްވަމުންދާކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.